މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅޭ ފަހު މެޗުގައި މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ނުކުންނައިރު، ބްރެޒިލްގެ ތަރި، ނޭމާ ހުރީ މެޗު ކުޅެވޭ ވަރަށް ފިޓްކޮށް ކަމަށް ބްރެޒިިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ނޭމާ އަށް ތިން އަހަރަށް ފަހު ބްރެޒިލް ސްކޮޑުން ޖާގަ ލިބުނީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ނެގި ސްކޮޑުންނެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ނޭމާގެ ފަޔަށް އަނިޔާވެ އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. . ނޭމާ އަށް ބްރެޒިލްގެ މެޗުތައް މިދިޔަ އަހަރުތަކުގައި ގެއްލުނީ ވެސް އަނިޔާއާ ހެދި ފޯމަށް އަސަރުކޮށްގެންނެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ނޭމާ ހިމެނި ފަހުން އޭނާ އަށް އަނިޔާވުމާ އެކު، ބްރެޒިލްގެ މީޑިއާ އިން ވެސް އަންނަނީ އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފައްދަމުންނެވެ.
ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވިއިރު، ކުރިން ބެލެވިފައި އޮތީ ނޭމާ އަށް ގެއްލޭނީ އެ މެޗު އެކަނި ކަމަށެވެ. އެކަމަކު، ބްރެޒިލުން އެންމެ ފަހުން ކުރިއަށްގެންދިޔަ ޓްރެއިނިންތަކުގައި ވެސް ޓީމާ އެކު، ފަރިތަކުރުމުގެ ބަދަލުގައި، ނޭމާގެ ޓްރެއިނިން ދިޔައީ ވަކިންނެވެ. އަދި، ބޯޅައާ އެކު ނޭމާގެ ޓްރެއިނިންތައް މަދުން ކުރިއަށްގެންގޮސްފައިވާއިރު، އޭނާ އަށް ޓީމު ޓްރެއިނިން އަށް އާދެވޭނެ އިރެއް މެޑިކަލް ޓީމުން އަދި ކަށަވަރުކޮށްދީފައިނުވެ އެވެ. އެހެންވެ، ބްރެޒިލުން ދެ ވަަނަ މެޗުގައި ހައިޓީ އަތުން 3-0 އިން މޮޅުވި މެޗުގައި ވެސް ނޭމާ ނުކުޅެ އެވެ.
އެކަމަކު، މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޭމާ އަށް ޓީމުގެ ގިނަ ފަރިތަކުރުންތަކެއްގައި ބައިވެރިވެވުނު ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
"ނޭމާ ހުރީ ބޭނުންކުރެވޭ ގޮތަށް. ވަރަށް ރަނގަޅަށް މި ހަފްތާގައި ޓްރެއިނިންގައި ބައިވެރިވެއްޖެ. މެޗުގައި ކުޅެން ވެސް ތައްޔާރަށް އެ ހުރީ. އަހަރެމެން މި ތިބީ ވަރަށް އުފަލުން އޭނަ އެނބުރި އައީމަ. ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިއެއް ޓީމަށް އައުމަކީ އުފަލެއް،" އަންޗެލޮޓީ ބުންޏެވެ.
"ފުރަތަމަ ހާފަށް ފަހު ވެސް އޭނަ އަށް ކުޅެވޭނެ. މުޅި މެޗުގައި ވެސް ކުޅެވޭނެ. ވަރަށް ބުރަ މަސައްކަތުން އޭނަ ހުރީ ތައްޔާރަށް،"
ގްރޫޕް ސީގެ ފަހު މެޗުތަކަށް މިރޭ ނުކުންނައިރު، އެއް ވަނައިގައި އޮތް ބްރެޒިލާއި ދެ ވަނައިގައި އޮތް މޮރޮކޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ސްކޮޓްލެންޑުން ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ބްރެޒިލް އަތުން މޮޅުވެގެން ސްކޮޓްލެންޑަށް ގަދަ 32 އަށް ދެވޭނެ އެވެ. އަދި، އެއްވަރުކޮށްލައިގެން ސްކޮޓްލެންޑަށް ޖެހޭނީ ނޮކައުޓުގެ ޖާގައެއް ލިބޭތޯ އިންތިޒާރުކުރާށެވެ. އެއީ، ހުރިހާ ގްރޫޕެއްގެ ކުޅުން ނިމުމުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
ހައިޓީ ވަނީ ފުރަތަމަ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
ނޭމާ ހުރީ މިހާރު ފިޓްކޮށް މެޗުތަކުން ދެން ފެންނާނެ: އަންޗެލޮޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ