މެޗު ނިމެންދެން ގުޑާނުލާ ހުންނަ ކޮންގޯގެ ސަޕޯޓަރު ވޯލްޑް ކަޕަށް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި ކޮލަމްބިއާ ކުޅުނު މެޗުގައި މަޝްހޫރު ސަޕޯޓަރު މައިކަލް ންކޫކާ އެމްބޮލާޑިންގާ ފެނިގެން ހިނގައްޖެއެވެ. އޭނާއަކީ ކޮންގޯގެ މިނިވަންކަމުގެ ބަތަލް ޕެޓްރިސް ލުމުމްބާގެ ހަނދާނީ މޮނިއުމެންޓެއް ގޮތަށް، މެޗު ނިމެންދެން އެއްވެސް ހަރަކާތެއް ނެތި ގުޑާނުލާ ކޮޅަށް ހުންނާތީ ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީހެކެވެ. މެކްސިކޯގެ ގުއަޑަލަހާރާގައި ކޮލަމްބިއާއާ ދެކޮޅަށް ކޮންގޯ ކުޅުނު މެޗުން އޭނާ ފެނުނުއިރު، މިއީ އޭނާ ވޯލްޑް ކަޕް މެޗަކުން ފެނުނު ފުރަތަމަ ފަހަރެވެ. އެ ގައުމުން ކުޅުނު ފުރަތަމަ މެޗަށް އޭނާއަށް ނުދެވުނީ އެބޯލާ ބަލީގެ ކަރަންޓީނު އުސޫލުތަކާ ހެދިއެވެ. "ލުމުމްބާ ވިއާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ސަޕޯޓަރު މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ދަނޑަށް ވަދެ، ކޮންގޯގެ ބެންޗު ފަހަތަށްވާ ގޮތަށް ހުރި ގޮނޑިބަރީގެ މައްޗަށް އަރާ، އޭނާގެ ކަނާތް މައްޗަށް އުފުލައިގެން މުޅި މެޗު ނިމެންދެންބުދެއްހެން ހުއްޓިލައިގެން ހުއްޓެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ކޯޓަކާއި، ރީނދޫ ގަމީހަކާއި އަދި ނޫކުލައިގެ ފަޓުލޫނެކެވެ. މީޑިއާތަކަށް އިންޓަވިއުއެއް ދޭން އޭނާ ބޭނުންނުވި ނަމަވެސް، ވޯލްޑް ކަޕަށް އާދެވުމުން އުފާވޭތޯ އެހުމުން އޭނާ ވަނީ ހިނިތުންވުމަކާއެކު ބޯޖަހާލާފައެވެ. މީގެ ކުރިން ވިސާ ނުލިބުމުގެ ސަބަބުންވެސް އޭނާއަށް ބައެއް މެޗުތައް ވަނީ ގެއްލިފައެވެ. މި ސަޕޯޓަރު ސިފަކޮށްދޭ ޕެޓްރިސް ލުމުމްބާއަކީ 1960 ގައި ބެލްޖިއަމްގެ އިސްތިއުމާރީ ވެރިކަމުން ކޮންގޯ މިނިވަންކުރުމުގައި އެންމެ އިސްކޮށް އުޅުއްވި، އަދި އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރެވެ. ނަމަވެސް މަގާމާ ހަވާލުވިތާ އަހަރެއް ނުވަނީސް ބެލްޖިއަމްގެ އެހީތެރިކަމާއެކު ހިންގި ހަނގުރާމައެއްގެ ތެރޭގައި އޭނާ ވަނީ އަވަހާރަކޮށްލާފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ބެލްޖިއަމްގެ ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ، އުމުރުން 93 އަހަރުގެ އެޓިއެން ދާވީނިއޯގެ މައްޗަށް ހަނގުރާމައިގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ހިންގުމަށް ބެލްޖިއަމްގެ ކޯޓަކުން މިއަހަރުގެ މާރިޗު މަހު ވަނީ އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ