ފަތުރުވެރިކަމުގެ ދާއިރާގެ 38 ފަރާތަކާއެކު މުމްބާއީގައި ރާއްޖެ އިޝްތިހާރުކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 38 ޕާޓްނަރުންނާއެކު އޯޓީއެމް މުމްބާއީގައި ބައިވެރިވެ، އިންޑިއާ މާކެޓަށް ”ސަނީ ސައިޑް އޮފް ލައިފް“ ޕްރޮމޯޓްކޮށްފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނެފައިވަނީ އެ ހަރަކާތް ކުރިއަށްދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންއިން މި މަހުގެ އެއްވަނަ ދުވަހަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ. އޯޓީއެމް އަކީ އިންޑިއާގައި ބާއްވާ ޓްރެވަލް ޓްރޭޑް ފަރާތްތަކާއި ޕްރޮފެޝަނަލުންގެ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި ހަރަކާތަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މުހިންމު ޕްލެޓްފޯމެކެވެ. އޯޓީއެމްގައި ބައިވެރިވުމަކީ އިންޑިއާގެ ދަތުރުފަތުރުގެ ވިޔަފާރިއާ ގުޅިގެން، ރާއްޖޭގެ އެންމެ ފަހުގެ ޓްރެވަލް އަޕްޑޭޓްތަކާއި، ހާއްސަ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި، ހިދުމަތްތަކާއި، ތަޖުރިބާތައް ހިއްސާކުރުމަށް އެހީތެރިވެދިން ކަމެއް ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.
އޯޓީއެމް 2025 ގައި އަމާޒަކީ އިންޑިއާގެ މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކުރުމާއި ހަރަކާތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންނާއެކު އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ އެދެވޭ ޝޯޓް ހޯލް މަންޒިލެއްގެ ގޮތުގައި ދައްކާލަދިނުން ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.
އެ ހަރަކާތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓްރެވަލް ޓްރޭޑްގެ މުހިންމު ބޭފުޅުންނާއި އެހެނިހެން ބައިވެރިންނާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން މީޑިއާ އިންޓަވިއުތަކާއި ތަފާތު ހަރަކާތްތައް ކުރިއަށްދިޔަ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ސްޓޭންޑްއިން ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ރީތި މަންޒަރުތައް ފެނިގެންދިޔަ ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު އިންޑިއާ އަކީ ރާއްޖޭގެ ހަ ވަނަ ޓޮޕް ސޯސް މާކެޓްއެވެ. މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް 130،805 ފަތުރުވެރިން އައިއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްސްގެ 6.4 އިންސައްތަ މާކެޓް ހިއްސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ