ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް އިން މި ފަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް ނިކުންނައިރު އެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ މުބާރާތް ކާމިޔާބުކުރާނެކަމަށް ބެލެވޭ ފެވަރިޓުންގެ ލިސްޓުގައި އޮވެގެންނެވެ.
އެންމެ ފަހުން ބޭއްވި ފަސް ވޯލްޑްކަޕްގެ ތެރެއިން ހަތަރު ފަހަރު މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދި ނަމަވެސް 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕްގެ ހަތަރުވަނަ މަގާމް ބްރެޒިލް އިން ވަނީ ހޯދާފަ އެވެ. ބްރެޒިލް އިން އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވަނީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދުމަށް ބްރެޒިލް އިން ނިކުންނަނީ ތަޖުރިބާކާރު ކޯޗު އިޓަލީގެ ކާލޯ އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުންނެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗު ކޮށްދިނުމަށްފަހު ކާލޯ އެންޗެލޮއްޓީ ބްރެޒިލްގެ ޓީމާއި ހަވާލުވެފައިވަނި 2025 ވަނަ އަހަރުގެ މެއި 26 ގަ އެވެ.
އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ވޯލްޑްކަޕް ކޮލިފައިންގައ ބްރެޒިލް ކުޅުނު ދެ މެޗުގެ ތެރެއިން ޗިލީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ބޮލީވިއާ އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި 2025 ވަނަ އަހަރުގެ ކިރިން ޗެލެންޖް ކަޕްގައި ޖަޕާން އަތުންވެސް ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ބްރެޒިލް އިން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ 6 މެޗުގެ ތެރެއިން ބަލިވެފައިވަނީ މި އަހަރުގެ މާޗް މަހު ފްރާންސް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. ސެނެގާލް, ކްރޮއޭޝިއާ, ޕެނަމާ އަދި އިޖިޕްޓް އަތުން މޮޅުވފައިވާއިރު ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުވަނީ އެއްވަރުވެފަ އެވެ.
ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލްގެ ޓީމު އިއުލާންކުރިއިރު އެންޗެލޮއްޓީގެ 26 ކުޅުންތެރިންގެ ތެރޭގައި އަނިޔާގައި ހުރި ނޭމާ ހިމަނާފައިވާއިރު މޮރޮކޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނަކަމަށް ރިޕޯޓްތައްމ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ބްރެޒިލްގެ ކުރި ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ އެވެ. އޭނާގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ މެތިއުސް ކޫނިއާ އާއި ބާސެލޯނާގެ ރަފީނިއާ, އާސެނަލްގެ ގެބްރިއަލް މާޓިނޭޒް ހިމެނެ އެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ބްރެޒިލްގެ ޓީމުގައި ހިމެނޭއިރު މިހާރު އުފެދޭ ސުވާލަކީ 2002 ވަނަ އަހަރަށްފަހު ބްރެޒިލް އަށް ވޯލްޑްކަޕްގެ ތަށި މި ފަހަރު އުފުލާލެވޭނެތޯ އެވެ.
ފީފާ ވޯލްޑްކަޕް 2026: ބްރެޒިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ