ކެއްކުމާއި ސާފުކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ނޫން: ޕްރިޔަންކާ

ކެއްކުމާއި ގޭތެރެ ސާފުކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީ އެކަމާ ދެކޮޅަށް އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވާހަކަދައްކައިފިއެވެ. އިންޑިއާގެ ކުރީގެ ރީތީގެ ރާނީ ބުނި ގޮތުގައި މިއީ ވަކި ޖިންސަކަށް ހާއްސަވެފައިވާ ކަންކަމެއް ނޫނެވެ. އެއާ ހިލާފަށް އެފަދަ ކަންކަމަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ މީހަކަށްވެސް އެނގެންޖެހޭ އަސާސީ ހުނަރުތަކެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. ކާން ލަޔަންސް ފެސްޓިވަލްގައި ވާހަކަދައްކަމުން ޕްރިޔަންކާ ފާހަގަކުރި ގޮތުގައި، ގިނަ އާއިލާތަކުގައި އަދިވެސް ބެލެވިފައި އޮންނަނީ ކެއްކުމާއި ގޭތެރޭގެ މަސައްކަތްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައެވެ. "ސާފުކުރުމާއި ކެއްކުމަކީ ހަމައެކަނި އަންހެނުންގެ މަސައްކަތެއް ނޫން. އެއީ ބޮޑުވެފައިވާ ކޮންމެ މީހަކުވެސް އަމިއްލައަށް ކުރަންޖެހޭނެ ކަންކަން. ކަންނެތްކަމާއި ޖިންސާ ގުޅުވައިގެން އޮޅުވާނުލާ" ހޮލީވުޑްގައި ވެސް މިހާރު މަސައްކަތްކުރަމުން އަންނަ ބަތަލާ ބުނެފައިވެއެވެ. ޕްރިޔަންކާ ފިރިމީހާ ނިކް ޖޯނަސް އަދި ދަރިފުޅު މާލްތީއާ އެކު--ފޮޓޯ/އެންޑީޓީވީ މީގެ އިތުރުން، ދުނިޔޭގެ ފިލްމީ ސިނާއަތާއި ވާހަކަ ކިޔައިދިނުމުގެ ފަންނަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުންވެސް ޕްރިޔަންކާ ވަނީ މި ފެސްޓިވަލްގައި ވާހަކަދައްކާފައެވެ. އެގޮތުން ޓެކްނޮލޮޖީގެ ސަބަބުން ފިލްމު އުފެއްދުމުގެ ފުރުސަތު މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހުޅުވިފައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިހާރު ކޮންމެ މީހެއްގެ އަތުގައިވެސް އައު ހިޔާލެއް އޮތްނަމަ، އެ ކަމެއް ފިލްމު ކުރުމަށްފަހު ޔޫޓިއުބަށް ލުމުން އެއީ ބޮޑު ކާމިޔާބީއަކަށް ވެގެންދިއުމުގެ ފުރުސަތު އެބައޮތްކަން ބަތަލާ ފާހަގަކުރިއެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިފައިވާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ. ޕްރިޔަންކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ވާރަނާސީ"އިންނެވެ. މި ފިލްމަކީ އަށް އަހަރު ދުވަހުގެ މެދުކެނޑުމަށްފަހު ޕްރިޔަންކާ ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ އިންޑިއާ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ