މަސް މާރުކޭޓު ބިން ހަވާލުނުކޮށް ލަސްވަނީ އެ ބިން އެހެން ދެ ކުންފުންޏަކަށް ދީފައި އޮތުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފި

ޒަމާނީ ވަސީލަތްތަކާއެކު މާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ”ވެޓް މާކެޓް ކޮމްޕްލެކްސް“ ނުވަތަ އާ މަސް މާރުކޭޓު އެޅުމަށް ބިން ހަވާލުނުކުރެވި ލަސްވަނީ، އެ ބިން މިހާރުވެސް އެހެން ދެ ކުންފުންޏަކަށް ދީފައި އޮތުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާތިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ ކަމަށެވެ. އަދި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތް ބިމެއް އިތުރު ބަޔަކާ އެގްރީމެންޓްކޮށް، ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ސޮއިކުރެއްވުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް އާޒިމް ސިފަކުރެއްވިއެވެ.
މި މަޝްރޫއަކީ ޓްރަސްޓެންގް މޯލްޑިވްސްއާ މިދިޔަ މާޗު މަހުގެ 15 ގައި ހަވާލުކޮށްފައިވާ 117 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން ހަ ބުރީގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، މަސައްކަތް ފެށުމަށް ބިން ހަވާލުކޮށްދިނުމަށް އެދި ހަތަރު ފަހަރެއްގެ މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، އިއްޔެގެ ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވަނީ މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމައަށް ލިބިގެން ނޫނީ ބިން ހަވާލުނުކުރުމަށް ހުށަހަޅުއްވާފައެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މިނިސްޓްރީއާ ބައްދަލުކުރުމަށާއި، މިނިސްޓްރީން ބޭނުންވާ މައުލޫމާތުތައް ނުލިބެނީސް ބިން ހަވާލުނުކުރުމަށް ކައުންސިލަރުން ވަނީ ނިންމަވާފައެވެ.
މި މަޝްރޫއު ނިމުމުން 85,000 އަކަފޫޓުގެ ޖާގަ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ މާލޭގެ މަސްވެރިންނާއި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއެކެވެ. ނަމަވެސް، ބިމުގެ މައްސަލައިގައި މިނިސްޓްރީއާއި ކައުންސިލާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މަސައްކަތް ފެށުން ވަނީ މަޑުޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ