ނިމުނު ހަފުތާ: ރާއްޖެއަށް ޕޭޕާލްގެ ޚިދުމަތް، އިޤްތިޞާދީ ކުރިއެރުމަށް އައިއެމްއެފްގެ ތަޢުރީފް

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (14 ޖޫން) އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫއަށް ވަނީ ވަޑައިގަންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދ.މީދުއަށް ވަޑައިގެންނެވުމުން އެރަށުގެ ބަނދަރު ސަރަހައްދުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުޙަބާ ދަންނަވާފައެވެ.
(13 ޖޫން) ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް، ޑރ.މުޢިއްޒު ދ. މީދޫއަށް ވަޑައިގަންނަވާފައިވަނީ ހޮނިހިރު ދުވަހު ބޭއްވި މީދޫ ކައުންސިލް ރައީސް އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުޢިޢްޒު ވަނީ ބައިވެވަޑައިގަންނަވާފައެވެ.
- މީގެކުރިން އޮތީ ފަނާކުރަނިވި ފިކުރު، މިހާރު ފެންނަނީ ބިނާކުރަނިވި ފިކުރުގެ ތަރައްޤީކަމަށް ރައީސް ވިދާޅުވުން
- އަންނަ އަހަރު ޢަރަބިއްޔާގެ އައު އިމާރާތުގައި ކިޔަވައިދޭނެކަމަށް ރައީސް ވިދާޅުވުން
- އެއްވެސް ސަރުކާރަކުން ނުދައްކާ މިންވަރަށް މިސަރުކާރުން ދަރަނި ދައްކާފައިވާކަމަށް ރައީސް ވިދާޅުވުން
(15 ޖޫން) ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމްއާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޠާރިޤް އިބްރާހީމް އަދި ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށެވެ. އެ ދެ ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންވެސް ދެ ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ.
(12 ޖޫން) ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައެވެ. މި އިންތިޚާބުގައި 3 ކެންޑިޑޭޓުން ވާދަކުރެއްވިއިރު އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 21،301 ވޯޓު ލިބިވަޑައިގެންނެވިއެވެ.
(15 ޖޫން) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ޢަބްދުﷲ ޞާދިގު މަޤާމުގެ ހުވާ ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޞާދިގުގެ މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ޞާދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.
(15 ޖޫން) އުރީދޫ މޯލްޑިވްސް އިން ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް އުރީދޫ އިން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައި ވާއިރު މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
(16 ޖޫން) މިއަހަރުގެ މިހާތަނަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް ޖަމާކުރި ފައިސާގެ އަދަދު 1 ބިލިޔަނަށްވުރެ އިތުރުވެފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް މުޅި ޖުމްލަ 1 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައިވަނީ، 934 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.
(17 ޖޫން) ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ވެސް، ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ ވަރުގަދަކަންމަތީ ހިފެހެއްޓިފައިވާކަން ހާމަކޮށްފައިވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ހާމަކުރި ގޮތުގައި،
މިކަން ހާމަކޮށްފައިވަނީ އައިއެމްއެފްގެ ވަފުދަކުން 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ވަގުތީ ރިޕޯޓުގައެވެ. ޕިޔަޕޯން ސޮޑްސްރީވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މި ވަފުދު ޖޫން މަހުގެ 4 އިން 14 އަށް މާލެއަށް ކުރި ޒިޔާރަތުގައި، ރާއްޖޭގެ އިޤްތިޞާދީ އެންމެ ފަހުގެ ހާލަތާއި، ކުރިމަގުގެ ލަފާކުރުންތަކުގެ އިތުރުން ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
(18 ޖޫން) މާލޭ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މާލޭ ޓެކްސީލައިންގެ ޚިދުމަތަކީ، މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ނުލިބުމުގެ މައްސަލަ އަށް ހައްލެއް ހޯދާދެއްވުމުގެ މަގްސަދުގައި، ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު، ސަރުކާރުން ފަށާފައިވާ ޚިދުމަތެކެވެ. ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ އެކަމަށް ޚާއްސަކޮށް ގެނެސްފައިވާ ތިމާވެއްޓާއި ރައްޓެހި އުޅަނދުތައް ބޭނުންކޮށްގެންނެވެ.
(14 ޖޫން) ހދ. ފިނޭގައި އަލަށް ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ފިނޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ.
(16 ޖޫން) ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ ހުޅުދޫގައި ބިނާ ކުރެެއްވި މިސްކިތް ހުޅުވާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ހުޅުދޫގައި ބިނާ ކުރެެއްވި މިސްކިތް "މަސްޖިދު ޒުލައިޙާ މުޙައްމަދު" ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
(16 ޖޫން) ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލުމުން ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައެވެ.
އެންމެފަހުން ފުރުޞަތު ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އަކާ ހަމައަށެވެ. ނަމަވެސް "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހުގެ ސުންގަޑި 15 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 އަށް ވަނީ އިތުރުކޮށްދީފައެވެ.
ނިމުނު ހަފުތާގައި ހިތާމަވެރި ޚަބަރުތަކެއްވެސް ލިބިގެންދިޔައެވެ. (12 ޖޫން) ފ.ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ނިލަންދޫ، އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ ނިޔާވި ޚަބަރު ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަލްމަރުޙޫމް އަޙްމަދު މޫސާ ވަނީ، 1992 ވަނަ އަހަރު ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ހާސިލުކުރައްވާފައެވެ.
(18 ޖޫން) ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
(13 ޖޫން) ތިނަދޫ ސިޓީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކުގެ ސާޖަރީއެއްކޮށްފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މި ސާޖަރީއަކީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ކޭމްޕެއްގެ ތެރެއިން ކުރިއަށް ގެންދިޔަ ސާރޖަރީއެކެވެ. މި ކޭމްޕުގައި އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.
(12 ޖޫން) ދިވެހިރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ވަނީ ފަށާފައެވެ. އިނގިރޭސި ވިލާތަކީ ދިވެހިރާއްޖޭގައި ހިންގާ އެމްބީބީއެސް ޕްރޮގްރާމް ބަލައިގަތް ފުރަތަމަ ޤައުމަކީ ރާއްޖެއެވެ. ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން ވުޖޫދުވިފަހުން އެ ތަނުނުގެ ފެންވަރު މަތިކުރުމަށް މެދުކެނޑުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ސްކޫލް އޮފް މެޑިސިންއިން އެމްބީބީއެސް ފުރިހަމަކުރުމުން ދޭ މެޑިކަލް ޑިގްރީ އިނގިރޭސިވިލާތުގެ ޖެނެރަލް މެޑިކަލް ކައުންސިލުން މިވަނީ ބަލައިގަންނަން ފަށާފައެވެ. މިއާއެކު ޤައުމީ ޔުނިވަރސިޓީން ޑޮކްޓަރުކަން ކިޔަވާފައިވާ ދަރިވަރުން އިނގިރޭސިވިލާތުގައި މަސައްކަތްކުރުމުގެ ކުރިން ހަދަން ޖެހޭ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
(15 ޖޫން) މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމްކޮށް ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިކަމަށްޓަކައި މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިސަންސް ހަސަން ޒަރީރާއި ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަރެކްޝަންސްގެ އިސްވެރިންވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ