ދުނިޔޭގައި އެންމެ އަމާން އަދި އެންމެ ފެންވަރު ރަނގަޅު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ މަގުބޫލުކަން ހޯދާފައެވެ. ސާފު ފަޅުތަކާއި، ފަރުތަކާއި، ޑައިވިން ސައިޓުތަކާއި، ސްނޯކްލިންގެ އިތުރުން ޖެޓްސްކީ އަދި ޕެރަސެއިލިން ފަދަ ހަރަކާތްތަކަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރަށް ލޭ ދައުރުކުރާ ކަންކަމެވެ. ނަމަވެސް، މި ހިތްގައިމު މަންޒަރުތަކުގެ ފަހަތުގައި، މޫދު ހަރަކާތްތަކުގެ ތެރޭގައި ފަތުރުވެރިންނަށް ލިބޭ އަނިޔާތަކާއި މަރުވާ ހާދިސާތައް އިތުރުވަމުން ދިއުމަކީ މިއަދު އުފެދިފައިވާ ބޮޑު ކަންބޮޑުވުމެކެވެ.
ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ގެނބިގެން ހިނގާ ހާދިސާތަކާއި، ޑައިވިން އެކްސިޑެންޓުތަކާއި، އުޅަނދުފަހަރުގައި ޖެހިގެން ހިނގާ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ހަމައެކަނި އިއްތިފާގުން ހިނގާ ހާދިސާތަކެއްތޯ ނުވަތަ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ހަރަކާތްތަކާއިމެދު ސަލާމަތީ ފިޔަވަޅުތައް އެޅުމާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ހުރި އުނިކަމެއްގެ ސަބަބުން ހިނގާ ކަންތައްތަކެއްތޯ މިއަދު ވަނީ ސުވާލު އުފެދިފައެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހެޅި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި 112 ފަތުރުވެރިން ވަނީ މަރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން 68 މީހުން މަރުވީ ގެނބިގެންނެވެ. އަދި 42 މީހުން މަރުވީ ސްނޯކްލިން ނުވަތަ ޑައިވިން ކުރަނިކޮށެވެ. މީގެ އިތުރުން އުޅަނދުފަހަރު ޖެހިގެން ހިނގި ހާދިސާތަކުގައި ވެސް މީހުން މަރުވެފައިވެއެވެ. މި މައުލޫމާތުތައް ހާމަކޮށްފައިވަނީ މޫދުކުޅިވަރު ނުވަތަ ހަރަކާތްތަކުގެ ސަލާމަތީ ގަވާއިދުތައް ހަރުދަނާކުރުން ލަސްވަމުންދާތީ މެންބަރުން ފާޑުވިދާޅުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
މި މައްސަލައިގެ ސީރިއަސްކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ދާދި ފަހުން ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާއާ ގުޅިގެންނެވެ. 14 މެއި 2026 ގައި ވ. އަތޮޅު ކައިރީގައި އޮތް 160 ފޫޓު ފުން ކަނޑުއަޑީގެ ހޮހަޅައަކަށް ފޭބި އިޓަލީގެ ފަސް ފަތުރުވެރިން ވަނީ މަރުވެފައެވެ. ބައިނަލްއަގުވާމީ ރިޕޯޓުތަކުން ބުނާ ގޮތުގައި، މި ޑައިވްގައި ރާއްޖޭގެ މޫދުހަރަކާތްތަކުގެ ޑައިވިން މިންގަނޑެއް ކަމަށްވާ 100 ފޫޓަށްވުރެ މާ ފުންމިނަށް ވަނީ ފައިބާފައެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އޮކްސިޖަން ޓޮކްސިސިޓީ، ބިރުގަތުން، ގަދަ އޮއިވަރު ނުވަތަ ފެންނަ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. މި މައްސަލަ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ އެކު، ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާގައި ސަލާމަތީ ކަންކަން ތަންފީޒުވަމުންދާ މިންވަރާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެންމެ ބޮޑު ސުވާލަކީ، ނުރައްކާތެރި ހާލަތްތަކުގައި ވެސް ވިޔަފާރި އުސޫލުން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެނީ ކީއްވެގެންތޯ އުފެދޭ ސުވާލެވެ. ވ. އަތޮޅުގެ ހާދިސާ ހިނގި ދުވަހަކީ މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް އިންޒާރު ނެރެފައިވާ ދުވަހެއް ނަމަވެސް، އެ ދަތުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއީ ޒިންމާދާރުކަން ކުޑަވުމުގެ މައްސަލައެކެވެ. މޫސުން ގޯސްވެ ނުރައްކާ އޮތްކަން އެނގި ތިބެ، މިފަދަ ހަރަކާތްތައް ހިންގުމަކީ ހަމައެކަނި ކުންފުނިތަކުގެ ނުވަތަ އޮޕަރޭޓަރުންގެ އިހުމާލެއް ނޫނެވެ. އެއީ ގަވާއިދުތައް ތަންފީޒުކުރުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ފެއިލްވުމެއްގެ ގޮތުގައި ވެސް ބެލެވިދާނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރަކީ ވެސް މިފަދަ ނުރައްކާތައް އިތުރުވާ ސަބަބެކެވެ. 2025 ވަނަ އަހަރު ރާއްޖެއަށް 2.25 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރެކޯޑު އަދަދެކެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 633,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ކަނޑުމަތީގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު، އެކަށީގެންވާ ސަލާމަތީ ނިޒާމެއް ނެތުމަކީ ބޮޑު ބިރެކެވެ.
އަނެއް ކަންބޮޑުވުމަކީ، މަގުބޫލު އަތޮޅުތަކުގެ ފަޅުތަކާއި ކަނޑުގެ ސަރަހައްދުތައް ތޮއްޖެހުމެވެ. އެއް ސަރަހައްދެއްގައި ގިނަ އަދަދެއްގެ ލޯންޗުތަކާއި، ޑައިވިން ދޯނިތަކާއި، ޖެޓްސްކީތައް ހަރަކާތްތެރިވުމަކީ އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް، 2026 އޭޕްރީލް މަހު އދ. އަތޮޅުގައި ފެންމަތީގައި އޮތް ޖަރުމަނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތި ޖެހި މަރުވި ހާދިސާ ފާހަގަކޮށްލެވެއެވެ. މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅި ފިޔަވަޅުތައް ތަންފީޒުވަމުންދާ މިންވަރާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ފަތުރުވެރިންގެ ހޭލުންތެރިކަން ކުޑަވުމަކީ ވެސް މައްސަލައެކެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ މޫދުގެ ކަންކަމަށް ފަރިތަ ނޫން މީހުންނަށް ވީއިރު، ނުރައްކާތެރި އޮއިވަރު ހުންނަ ސަރަހައްދުތަކަށް އެމީހުން ގެންދިއުމުގެ ކުރިން ދޭންޖެހޭ މައުލޫމާތާއި އިރުޝާދު ފުރިހަމައަށް ނުދޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި މިންވަރަކީ ވެސް ބަލަންޖެހޭ ކަމެކެވެ. ރާއްޖޭގެ ރަށްތައް އެކަހެރިކޮށް ހުރުމުގެ ސަބަބުން، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ގިނަ ވަގުތު ނަގައެވެ. މިއީ މީހެއްގެ ފުރާނަ ސަލާމަތްކުރުމުގައި އެންމެ މުހިންމު ވަގުތުކޮޅެވެ.
ތަހުގީގުތަކުގެ ނަތީޖާ ހާމަނުކުރުމަކީ ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ހާދިސާތަކަށްފަހު އިހުމާލުވި ފަރާތްތަކަށް އެޅުނު ފިޔަވަޅެއް ނުވަތަ އިސްލާހުކުރި ކަމެއް އާންމުންނަކަށް ނޭނގެއެވެ. މީގެ ސަބަބުން ފަތުރުވެރިންގެ އިތުބާރު ގެއްލި، ރާއްޖޭގެ ނަމަށް ހުތުރުވެދާނެއެވެ.
ފަތުރުވެރިކަން ފުޅާކުރާއިރު، އޭގެ ސަލާމަތީ ކަންކަން ވެސް އެ މިންވަރަށް ހަރުދަނާ ކުރަންޖެހޭ ކަމެވެ. ހަމައެކަނި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވުރެ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިތުރު ފުރާނައެއް ގެއްލުމުގެ ކުރިން، މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
ރާއްޖޭގައި ފަތުރުވެރިންގެ ފުރާނައަށްވުރެ ވިޔަފާރީގެ ފައިދާ މާ މުހިންމީތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ