ސައޫދީ ސަރުކާރުގެ ތެޔޮ ކުންފުނީގެ ހެލިކޮޕްޓަރެއް ވެއްޓި 14 މީހަކު މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް މިއަދު ވެއްޓި، ސައޫދީގެ 14 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން ބުނެފި އެވެ.
ސައޫދީ ޕްރެސް އެޖެންސީން އެ ގައުމުގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ރަސް ތަނޫރާ އަށެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމާގައި އީރާނުން ބަންދުކޮށްފައިވާ ތެލުގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގެވެ. 
"މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި 14 މީހުން ވެސް ވަނީ މަރުވެފައި. އެ އެންމެންނަކީ ވެސް ސައޫދީ ރައްޔިތުން،" އެ އެޖެންސީން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އެ އެ ޖެންސީން ބުންޏެވެ. 
ގަލްފް ސަރަހައްދުގައި ހުންނަ އަރަމްކޯގެ ރަސް ތަނޫރާ ޓާމިނަލްއިން، ސާފުނުކުރާ ތެޔޮ  ބަރުކުރުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.
މިކަމާ ގުޅޭގޮތުން ޚިޔާލެއް ހޯދުމަށް އީމެއިލް މެދުވެރިކޮށް ކުރި ސުވާލުތަކަށް އަރާމްކޯއިން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.
ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 6:00 ގަ އެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމައެއް ނުކުރެ އެވެ.
އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ސައޫދީ އަރަބިއްޔާއިން މިހާރު ދަނީ އީރާނާއި އެމެރިކާގެ ހަނގުރާމައަށް އައި މެދުކެނޑުމާ ދިމާކޮށް ވީހާ ވެސް ގިނައިން ތެޔޮ ބަރުކޮށްގެން ދަތުރުތައް ކުރުން އަވަސްކުރެވޭތޯ ބަލަމުންނެވެ. އެއީ ހަނގުރާމައިގެ ކުރިން ތެލާއި ގޭސް އުފައްދައި އެކްސްޕޯޓްކުރި މިންވަރަށް މަސައްކަތް ކުރިއަށް ޖެއްސުމަށް ފެށިފައިވާ ވާދަވެރިކަމުގެ ރޭހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ