ތަހުގީގުތައް އަވަސް ކުރުމަށްޓަކައި، އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވައިދު އިސްލާހުކޮށްފި
ތަހުގީގުތައް އަވަހަށް ނިންމުމަށްޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖިނާއީ އިޖުރާއަތުގެ ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ. އޭސީސީން ބުނީ، އެ ގަވައިދު އިޞްލާޙު ކުރި މައިގަނޑު މަގުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުގީގު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށާއި ތަޙުގީގުތަކުގެ އަވަސްކަން އިތުރުކުރަން ކަމަށެވެ. މި އިސްލާހާއެކު، ދެން އޭސީސީއަށް ހުށަހަޅާ ކޮންމެ މައްސަލައެއް ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަޙުގީގު ފެށުމުގެ ކުރިން އެ މައްސަލައިގެ ކަންކަމަށް ރިޢާޔަތްކޮށް، 'އެސެސްމަންޓެއް' ހަދަން ލާޒިމުވާނެއެވެ. https://sun.mv/222481 އޭގެއިތުރަށް، މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތާއި މާލީ ގެއްލުމާއި ހެކި ނައްތާލުމުގެ އިހުތިމާލާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބަލަން ޖެހެއެވެ. އެއަށްފަހު، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމުކުރާ ކަމަށް އޭސީސީން ބުނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން --- ސަން ފޮޓޯ/ އަފުވާން ސޮލާހު މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެ ކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން މުއްދަތު މުރާޖާކޮށްގެންކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ. އެއާއެކު، ގަވައިދަށް އިސްލާހު ގެނައީ، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ތަހުގީގުތައް ހަރުދަނާކޮށް ތަޙުގީގު ލަސްވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މި އިޞްލާޙާއެކު، ތަހުގީގީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވާނެ ކަމަށް އޭސީސީން އުންމީދުކުރެއެވެ. އޭސީސީގެ ގަވައިދަށް އިސްލާހު ގެނައިއިރު، އެ ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް މިއަދު ވަނީ އިސްލާހުކޮށްފައެވެ. މި ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް ގެނެސްފައި ވާއިރު، އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގަވާއިދުގެ 16 ވަނަ ބާބުގެ ތެރެއަށް 'ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން' ނަމުގައި އާ ބާބެއް އިތުރުކުރުމެވެ. މި ބާބުގައި ޕީޖީން ވަކި މައްސަލައެއް ބަލަން އަންގައިފިނަމަ އަމަލުކުރާނެ އިޖުރާއަތުތައް ވަނީ ތަފްސީލުކޮށްފައެވެ. https://sun.mv/223970 ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަނުގެ ބޮޑެތި އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާއިރު، އެ މައްސަލަތައް ނުބަލާތީ އާންމުންގެ ފާޑުކިޔުން އެ ކޮމިޝަނަށް އަމާޒުވެއެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ