އިންގްލެންޑް ސްކޮޑުން މެގުއާ އަށް ފުރުސަތެއް ނުލިބުނު

އަންނަ މަހު ބާއްވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިންގްލެންޑްގެ ސްކޮޑުން މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ, ހެރީ މެގުއާއަށް ފުރުސަތެއް ނުލިބުނެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕްގައި ވާދަކުރާ އިންގްލެންޑްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު ކޯޗު ތޯމަސް ޓުޗެލް އިއުލާން ކުރާނީ މިއަދު އެވެ. ނަމަވެސް އެ 26 ކުޅުންތެރިންގެ ތެރޭގައި މެގުއާ ނުހިމެނޭކަން ޔަގީންވެފައިވަނީ އޭނާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.
މެގުއާގެ އިންސްޓަގްރާމްގައި އޭނާ ބުނެފައިވަނީ މި ސީޒަނުގައި އޭނާއަށް ދެއްކުނު ކުޅުމާއިއެކު ވޯލްޑްކަޕްގައި އިންގްލެންޑްގެ ޓީމާއިއެކު ރަގަޅު ކުޅުމެއް ދެއްކޭނެކަމަށް އުންމީދު ކުރި ކަމަށެވެ.
"ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށްވެސް އަހަރެން ކާމިޔާބީއަށް އެދެން. މިއީ ލިބުނު ޝޮކެއް އަދި މި ނިންމުން އައި ގޮތުން ވަރަށް ދެރަވެސް ވެއްޖެ." މެގުއާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެ އެވެ.
އުމުރުން 33 އަހަރުގެ މެގުއާ ވަނީ އެންމެ ފަހުގެ ދެ ވޯލްޑްކަޕްގައިވެސް އިންގްލެންޑްގެ ޓީމަށް ކުޅެފަ އެވެ.
އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ތޯމަސް ޓުޗެލްގެ ސްކޮޑުން މި ފަހަރު ފުރުސަތު ނުލިބޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އާއި ޗެލްސީގެ ކޯލް ޕާމާގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ލޫކް ޝޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ. ނަމަވެސް މިކަން ކަށަވަރު ވެގެންދާނީ މިއަދު ސްކޮޑް އިއުލާން ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ