ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން އެ ގައުމަށް ކުރިމަތިވި މިސައިލް އަދި ޑްރޯން ހަމަލާތަކެއް ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މި ޑްރޯން ހަމަލާތައް ވައްޓާލި ކަމަށް ބުނެފައިވީ ނަމަވެސް، މިއަދު ދިން މި ހަމަލާތައް އައީ ކޮން ދިމާލަކުން ކަމެއް އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގޮވުންތަކުގެ އަޑު އިވެމުންދަނީ ވައިގެ ދިފާއީ ނިޒާމުން އެ ހަމަލާތައް ހުރަސްއަޅައި ނައްތާލަމުންދާތީ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކަމާބެހޭ އިދާރާތަކުން ނެރޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އާންމު ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުވެއިތަށް މި ހަމަލާތައް އަމާޒުވެފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށާއި ވިޔަފާރި އުޅަނދުތަކަށް ނުރައްކާ ކުރަމުންދިޔަ އީރާނުގެ ޑްރޯން އޮޕަރޭޝަނަކަށް އަމާޒުކޮށް، އެމެރިކާއިން ބުރާސްފަތި ދުވަހުގެ ކުރީކޮޅު ވަރުގަދަ ހަމަލާތަކެއް ދީފައިވަނިކޮށެވެ.
އެމެރިކާއިން ހަމަލާދިންކަން އީރާނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުން ބުނިގޮތުގައި، ބަންދަރު އައްބާސް އެއާޕޯޓު ކައިރިއަށް އެމެރިކާއިން ދިން ހަމަލާއެއްގެ ރައްދުގައި، އެމެރިކާގެ އަސްކަރީ އެއާބޭހަކަށް ފަތިހު 4:50 ގައި އީރާނުން ވަނީ ހަމަލާދީފައެވެ. ނަމަވެސް އެއީ ކޮން ގައުމެއްގައި ހުރި ބޭހެއް ކަމެއް އީރާނުން ބުނެފައެއް ނުވެއެވެ.
އެމެރިކާގެ އަސްކަރީ އެއާބޭހެއް ހުންނަ ކުވެއިތުން، އެ ގައުމަށް އަމާޒުވި ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ސީދާ ބުނެފައެއް ނުވެއެވެ. އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި، ކުވެއިތު ހިމެނޭހެން ޚަލީޖުގެ ގައުމުތަކަށް މީގެ ކުރިން ވެސް މިސައިލް އަދި ޑްރޯން ހަމަލާތައް އަމާޒުވެފައިވެއެވެ.
ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ޑްރޯން ހަމަލާތަކެއް ވައްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ