އަނެއްކާ ވެސް ނޭމާ ކުޅުމާ ދުރަށް، ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ވެސް ނުކުޅެވިދާނެ

ބްރެޒިލްގެ ފޯވަޑް ނޭމާ ޖޫނިއާ އަށް އަނެއްކާ ވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވެ، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ނުކުޅެވިދާނެ ކަމަށް ބެލެވިއްޖެ އެވެ.
މިކަން އެނގުނީ ރިއޯޑިޖެނީރޯގައި އިއްޔެ ފެށި ބްރެޒިލްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް އޭނާ ހާޒިރުވުމުން ހެދި މެޑިކަލް ޓެސްޓް ތަކުންނެވެ. އޭނާ އަށް އެންމެ ބޮޑަށް ތަދުވެފައިވަނީ ކުޑަކަޅުވާ އަށެވެ. މި އަނިޔާ މުޅިން ރަނގަޅު ނުވާތީވެ ވޯލްޑް ކަޕަށް ތައްޔާރުވާން ބްރެޒިލް ކުޅެ އެކުވެރިކަމުގެ ދެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި މޮރޮކޯއާ ދެކޮޅަށް ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނޭމާ މުޅިން ފިޓްނުވާތީވެ ކޯޗު ކާލޯ އަންޗެލޯޓީ މިހާރު ވަނީ ޗެލްސީގެ ފޯވަޑް ޖާއޯ ޕެޑްރޯ އަށް ޓީމާ ގުޅެން ދައުވަތު ދީފަ އެވެ.
އަންޗެލޯޓީ މީގެ ކުރިން ވެސް ބުނަމުންދިޔައީ 100 ޕަސެންޓް ފިޓްނޫން ކުޅުންތެރިއަކު ޓީމަށް ނުނަގާނެ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ފިއްތުންތަކާހުރެ ނޭމާ ގައުމީ ޓީމަށް ނެގީ މި ޕޮލިސީ އަށް ބަދަލު ގެނައުމަށްފަހު އެވެ.
ނޭމާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު އެވެ. އަނިޔާގެ ސަބަބުން އޭނާ އަށް އެފަހުން ޖާގަ ނުލިބިފައިވާއިރު ބްރެޒިލްގެ ސަންޓޯސް އަށް މީގެ ހައެއްކަ މަސް ކުރިން ބަދަލުވުމަށްފަހު އޭނާ ދިޔައީ ވޯލްޑް ކަޕަށް ފިޓްވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރިއޯޑިޖެނީރޯގައިވާ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރަސްމީ ޓްރޭނިން ކޮމްޕްލެކްސްގައި ފެށި ފަރިތަކުރުންތަކަށް ހާޒިރުވުމާއެކު އޭނާ ގެންދިޔައީ އެ ސިޓީގެ ހޮސްޕިޓަލަކަށެވެ. އަމިއްލަ ހެލިކޮޕްޓަރުގައި ޓްރޭނިން ކޭމްޕަށް ހާޒިރުވުމަށް ފަހު އޭނާ ހޮސްޕިޓަލަށް ދާން ޖެހުނީ ކުޑަކަޅުވާ އަށް ހާނިއްކަވެފައިވާތީވެ ސްކޭން ހެދުމަށެވެ.
މީގެ ކުރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ނޭމާ ބުނެފައިވަނީ އޭނާގެ ކުޑަކަޅުވާގެ ތަދު ފިލައިފި ކަމަށެވެ.
"ކޮން މައްސަލައެއް. އެއްވެސް މައްސަލައެއް ނެތް. އަހަރެން މިހުރީ ވޯލްޑް ކަޕް ކުޅެން ތައްޔާރަށް،" ނޭމާ ބުންޏެވެ.
އެކަމަކު 34 އަހަރުގެ ފޯވަޑާ މެދު މިހާރު އަނެއްކާ ވެސް އުފެދިފައިވަނީ ސީރިއަސް ސުވާލުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ