ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ހެޔޮކޮށް ހީކުރާނެ ގޮތް-: ޝައިޚް ޢަބްދުއްރައްޒާޤް އަލް-ބަދްރު

ޢާއިޝަތު ރަފާޙް ޢަލީ
 
މުސްލިމެއްގެ މައްޗަށް ވާޖިބުވަނީ އޭނާ ކުރާ ކޮންމެ އަޅުކަމެއްގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ހެޔޮކޮށް ހީކުރުމެވެ. މިއީ ﷲ އަށް ހެޔޮކޮށް ހީކުރުމަކީ ކޮންމެ އަޅުކަމަކާވެސް އެކުލެވޭންޖެހޭ ކަމެކެވެ. 
މިސާލަކަށް، ތިބާ ﷲ އަށް ދުޢާކުރާނަމަ، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅު ހަނދާންކުރާށެވެ: ޣާފިރް ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ" ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް އިޖާބަދެއްވާ ހުށީމެވެ." ފަހެ، ﷲ ތިބާގެ ދުޢާ އިޖާބަދެއްވައި، ތިބާގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައި، ތިބާ އެދޭ އެއްޗެއް ދެއްވާނެކަމަށް ހެޔޮކޮށް ހީކުރާށެވެ. 
ތިބާ ކުށްވެރިއެއް ކަމުގައިވެ، އަދި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކުރާ މީހެއް ނަމަވެސް، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. ފަހެ، އެކި ކުށްތަކާއި ފާފަތަކާއި ނުކިޔަމަންތެރިކަން ތިބާގެ މައްޗަށް ގަދަވެގަންނަ ދިޔަ ނުދޭށެވެ. އަދި ތިބާގެ ފާފަތައް ގިނަކަމަށް ބުނެ، މާޔޫސްކަމާއި އުއްމީދު ކެނޑުން ތިބާގެ މައްޗަށް ގަދަވެގަންނަ ދިޔަ ނުދޭށެވެ. ތިބާ އެފަދަ ބަޔަކު ކަމުގައި ނުވާށެވެ. ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި ފާފަތައް ބޮޑުވެ ގިނަވީ ކަމުގައި ވިޔަސް ފާފަ ފުއްސަވާނެކަމަށް ޔަޤީންކުރާށެވެ.  
އެކަލާނގެއީ މިފަދައިން ވަހީކުރެއްވި އިލާހެވެ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ ތިމަންއިލާހުގެ އެ އަޅުތަކުންނޭވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންނޭވެ! ﷲގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އެންމެހާ ފާފަތައް ފުއްސަވާނެތެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ." 
އަދި ތިބާގެ އަތުގައި ހުރި އެއްޗެހި މަދުވެ، ތިބާގެ ޙާޖަތްތައް ގިނަވެއްޖެނަމަވެސް، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި އެކަލާނގެއީ ފަޟްލުވަންތަކަން ބޮޑުވެގެންވާ އިލާހުކަމަށާއި، އެކަލާނގެ ޚަޒާނާތައް ފުރިފައިވާކަމަށާއި، އެކަލާނގެއީ މަތިވެރިކަން ބޮޑުވެގެންވާ އިލާހުކަމަށް ހީކުރާށެވެ. އަދި ތިބާ ބުނާށެވެ: "މިއީ ތިމަންގެ ކިބައިގައިވާ ނުކުޅެދުންތެރިކަމުން ނުވަތަ ތިމަންނައަށްޓަކައިވާ ރަޙްމަތުން ނުވަތަ ތިމަންނައަށްޓަކައިވާ ލުއިފަސޭހަކަމުންނެވެ." އިންސާނާގެ ފަޤީރުކަމުގެ ޙާލަތުގައި އަދި އަތުގައި ހުރި އެއްޗެހި މަދުވުމުގެ ޙާލަތުގައިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ހެޔޮކޮށް ހީކުރާށެވެ. ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. އެކަލާނގެއީ ފަޟްލުވަންތަކަން ބޮޑު އިލާހެއް ކަމަށާއި، ތިބާއަށް ފަސޭހަ މަގެއް ހުޅުވޭނެކަމަށާއި، ތިބާއަށް ފަސޭހަކަން އަންނާނެކަމަށާއި، ރިޒުޤު އެކަލާނގެ އަތްޕުޅުގައިވާކަމަށެވެ. އަދި އަތުގައި ހުރި އެއްޗެހި މަދުވުމަށް ކެތްކުރާށެވެ. އަދި ބުނާށެވެ: "މިއީ ތިމަންނައަށްޓަކައި ﷲގެ ލުއިފަސޭހަކަމުންނާއި، އަދި ތިމަންނައަށްޓަކައި ހެޔޮކަން އިރާދަކުރެއްވުމުންނެވެ." 
ދީނުގެ ކޮންމެ މަރުޙަލާއެއްގައިވެސް ﷲ ޖައްލަ ވަޢަލާ އަށް ހެޔޮކޮށް ހީކުރުން ލާޒިމުވެގެންވެއެވެ. އިންސާނަކު ބަލިވެއްޖެނަމަ، ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. "އޭ މީސްތަކުންގެ ރައްބު، ބަލިފަސާދަ ނައްތަވާށެވެ! ބަލިމަޑުކަން ފިއްލަވާށެވެ! ޝިފާދެއްވާށެވެ! ޝިފާދެއްވާ އިލާހަކީ އިބައިލާހެވެ. އިބައިލާހުގެ ޝިފާގެ އިތުރުން އެހެން ޝިފާއެއް ނުވެއެވެ." އިބްރާހީމް ޚަލީލް ޢަލައިހިއްސަލާމްގެ ބަސްފުޅަށް ނަޒަރު ހިންގާށެވެ: "އަދި ތިމަންބަލިވީމާ، އެކަލާނގެއީ ތިމަންނައަށް ޝިފާދެއްވާ އިލާހެވެ." އެކަލާނގެ ޝިފާދެއްވާނެ ކަމަށް ހެޔޮކޮށް ހީކުރާށެވެ. އަދި ﷲ ގެ ހަޟްރަތަށް ދުޢާކޮށް، އެކަލާނގެއަށް ވަކީލުކުރާށެވެ. ބަލިތަކުގެ ތެރެއިން ބައްޔަކާ ބެހޭގޮތުން "މި ބަލި ބޮޑުވެއްޖެއެވެ، މި ބަލި ރަނގަޅުކުރުން ނުފުލުދޭނެއެވެ" މިހެން ނުބުނާށެވެ. ބަލި ކޮންމެ ބައްޔަކަށް ވީ ނަމަވެސް ﷲ އަށް ހެޔޮކޮށް ހީކުރާށެވެ. 
އަދި ބައެއް ބަލިތައް ބޮޑު ބަލިތަކުގެ ގޮތުގައި ބެލެވެއެވެ. އެފަދަ ބަލިތަކެއް ޖެހިއްޖެނަމަވެސް ﷲ އަށް ވަކީލުކޮށް، އެކަލާނގެއަށް ތެދުވެރިވެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ހެޔޮކޮށް ހީކުރާށެވެ. އަދި ﷲ އެކަލާނގެ ހެޔޮކަމުން އެފަދަ މީހުންނަށް ޝިފާ ދެއްވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ހެޔޮކަމުން (ޝިފާ ދެއްވާނެއެވެ). މީސްތަކުންގެ ޙަޔާތުގެ ހާދިސާތަކާއި މިބާބުގައިވާ ވާހަކަތައް ވަރަށް ގިނައެވެ. ފަހެ، އަޅާ އޭނާގެ ރައްބު ސުބުޙާނަހޫ ވަތަޢާލާ އަށް ކޮންމެ ޙާލަތެއްގައިވެސް އަދި ކޮންމެ ކަމެއްގައިވެސް ހެޔޮކޮށް ހީކުރާ މީހެއް ކަމުގައި ވުމީ ލާޒިމު ކަމެކެވެ.
އަދި ކުރިން ދެންނެވިފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ހެޔޮކޮށް ހީކުރުމަކީ އެކަލާނގެއާ ބެހޭގޮތުން ހެޔޮގޮތުގައި ދެނެގަތުމަށާއި، އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާއި، ރަޙްމަތްވަންތަކަމާއި، ދީލަތިވަންތަކަމާއި، އިޙްސާންތެރިކަމާއި، މަތިވެރިވަންތަކަމާއި، ފަޟްލުވަންތަކަމަށް ނިސްބަތްވާ ކަމެކެވެ. އެހެނިހެން އެކަލާނގެ ހުސްނާ އިސްމުފުޅުތަކަށާއި މަތިވެރި ސިފަފުޅުތަކަށް ނިސްބަތްވާ ކަމެކެވެ.
އޭނާގެ ނަފްސު ދެނެގަތުމަށް (ބާރުއަޅާފައިވެއެވެ). ތިބާއަށް ކޮންމެވެސް މައްސަލައެއްގައި ތުހުމަތު ކުރެވިއްޖެނަމަ، ތިބާގެ ނަފްސަށް ތުހުމަތު ކުރާށެވެ. އެއީ އަނިޔާވެރިކަމާއި ޖާހިލުކަމުގެ މައްޗަށް ބިނާވެފައިވާ ނަފްސެވެ. އެއީ އަނިޔާވެރި އަދި ޖާހިލު ނަފްސެކެވެ. ފަހެ، ނުކުޅެދުންތެރިކަމެއް ނުވަތަ އުނިކަމެއް ނުވަތަ އައިބެއް ހުރިނަމަ، ތިބާގެ ރައްބަށް ތުހުމަތު ނުކުރާށެވެ. ތިބާގެ ނަފްސަށް ތުހުމަތު ކުރާށެވެ. ތިބާގެ ނަފްސު އަނިޔާވެރިކަމާއި ޖާހިލުކަމާއި ނުކުޅެދުންތެރިކަމުން ފުރިފައިވާކަން ދެނެގަންނާށެވެ. ބުނާށެވެ: "މިއީ އަހަރެންގެ ފާފަތަކެވެ. މިއީ އަހަރެންގެ ކުށެވެ. މިއީ އަހަރެންގެ ފަރުވާކުޑަކަމެވެ. އަހަރެންނަކީ ކުށްގިނަ އަޅާއެވެ. އަހަރެންނަކީ އެފަދަ އަޅާއެވެ." ތިބާގެ ނަފްސަށް ތުހުމަތު ކުރާށެވެ.
އެހެންކަމުން، ﷲ އަށް ނުބައިކޮށް ހީކުރުން ބިނާވެފައިވަނީ ﷲ އާ ބެހޭގޮތުން ނޭނގުމުގެ މައްޗަށާއި، ނަފްސާ ބެހޭގޮތުން ނޭނގުމުގެ މައްޗަށްކަން ކަނޑައެޅިގެން އެނގިގަނެ، މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ހިމެނޭގޮތަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އާ ބެހޭގޮތުން ހަގީގަތުގައި ދަންނަ މީހާއަކީ އެކަލާނގެއަށް ހެޔޮކޮށް ހީކުރާނެ މީހެކެވެ. ﷲ އަށް ހެޔޮކޮށް ހީކުރުން ލާޒިމުވެގެންވެއެވެ. އަދި އޭނާގެ ނަފްސުގެ އަނިޔާވެރިކަމާއި، ޖާހިލުކަމާއި، ފަރުވާކުޑަކަމާއި، ކުށްތަކާއި، ގޯސްތަކާ ބެހޭގޮތުން ހަގީގަތުގައި ދަންނަ މީހާއަކީ އޭނާގެ ނަފްސަށް ނުބައިކޮށް ހީކުރާނެއެވެ. އޭނާގެ ރައްބަށް ނޫނެވެ.
އެހެންކަމުން، އިންސާނާގެ ހިތުގައި ނުބައިކޮށް ހީކުރުމެއް އުފެދިއްޖެނަމަ، އެކަން އޭނާގެ އަނިޔާވެރި، ޖާހިލު ނަފްސުގެ މައްޗަށް ބަހައްޓާށެވެ. އެކަލާނގެއީ ޙަކީމްވަންތަ، ޢަލީމްވަންތަ، ރަޢޫފުވަންތަ، ލަޠީފުވަންތަ، އިޙްސާންތެރި، މަންނާންވަންތަ، އަދި ހުރިހާ އުނިކަމަކުން ދުރުވެގެންވާ، ޖަލާލުވަންތަކަމާއި ކާމިލްކަމާއި ޢަޒަމަތްވަންތަކަން ލިބިގެންވާ އެކަލާނގެ، އޭނާގެ ރައްބަށް ނުބައިކޮށް ހީނުކުރާށެވެ. އޭނާގެ ނަފްސަށް ނުބައިކޮށް ހީކުރާށެވެ. އެހެންކަމުން، ނުބައިކޮށް ހީކުރުމެއް ފެނިއްޖެނަމަ، އޭގެ އަސްލަކީ އިންސާނާއަށް އޭނާގެ ރައްބު ނޭނގުމާއި، އޭނާގެ ނަފްސު ނޭނގުމެވެ.
އަދި މި ފައިދާއަކީ ވަރަށް އަގުހުރި ފައިދާއެކެވެ. ރަޙިމަހު ﷲ އެކަލޭގެފާނުގެ ބަސްފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ: ހަތަރުވަނަ ކަމަކީ، އެކަމުން ސަލާމަތްވެވޭނީ އިސްމުފުޅުތަކާއި ސިފަފުޅުތައް ދަންނަ މީހަކަށެވެ. މިއީ ރައްބުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމެވެ. އަދި އޭނާގެ ނަފްސު ދެނެގަތުމެވެ. އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އިސްމުފުޅުތަކުގެ ފުރިހަމަކަމާއި، ސިފަފުޅުތަކުގެ ފުރިހަމަކަމާއި، ޢަޒަމަތްވަންތަކަމާއި، ޖަލާލުވަންތަކަމާއި، މުއްސަނދިކަމާއި، ރަޙްމަތްވަންތަކަމާއި، ލުއިފަސޭހަކަން ފަދަ ސިފަތަކުން ދެނެގަތުމެވެ. އަދި އޭނާގެ ނަފްސު އަނިޔާވެރިކަމާއި، ޖާހިލުކަމާއި، ފާފަތަކާއި، ކުށްތަކާއި، ގޯސްތަކުން ދެނެގަތުމެވެ. ފަހެ، އޭނާގެ ނަފްސަށް ނުބައިކޮށް ހީކުރާށެވެ، އެކަލާނގެ ރައްބު ސުބުޙާނަހޫ ވަތަޢާލާ އަށެއް ނޫނެވެ.
 
                   
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ