ގެމަނަފުށީ ޓީޗަރެއް ''ބޭއިންސާފުން'' ވާދުއަށް ބަދަލުކުރުމުގެ ތުހުމަތު؛ މިނިސްޓްރީން ބުނީ ވަގުތީ ބަދަލެއް ކަމަށް

އެޑިއުކޭޝަން މިނިސްޓްރީން، ގއ. ގެމަނަފުށީ ސުކޫލުގެ, އެ ރަށަށް ނިސްބަތްވާ ލީޑިން ޓީޗަރެއްގެ ވަޒީފާ ކުއްލި ގޮތަކަށް ގދ. ވާދުއަށް ބަދަލުކުރީ ބޭއިންސާފުން ކަމަށް ތުހުމަތުކޮށްފިއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، ވާދުއަށް ބަދަލުކޮށްފައި ވަނީ، 2020ވަނަ އަހަރުން ފެށިގެން ގެމަނަފުށީ ސުކޫލުގައި ލީޑިން ޓީޗަރަކަށް މަސައްކަތް ކުރާ އަމާނުﷲއެވެ. އޭނާގެ ސްކޫލް ބަދަލުކުރީ، މި އަހަރުގެ އޭޕްރީލް އަށެއްގައި، އޭނާ މަގާމުން ވަކިކުރުމަށް ފަހުގައެވެ. އެކަމާ ގުޅިގެން އަމާނުﷲ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހަމަ އެ ދުވަހު މައްސަލަ ހުށަހެޅިއެވެ. އޭގެ ޖަވާބު ލިބުނީ، ފަސް މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން، މިދިޔަ ސެޕްޓެމްބަރު 22ގައެވެ. ސީއެސްސީން އަމާނުﷲއަށް ފޮނުވި ސިޓީ 'ސަން'އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ވަނީ، އަމާނުﷲގެ ޝަކުވާ އިތުރަށް ބެލުމުން ސުކޫލުގެ ލީޑިން ޓީޗަރު ކަމުން ވަކިކޮށްފައިވާކަން އެންގީ، "ލީޑިން ޓީޗަރުންގެ ޒިންމާ ހަވާލުކުރުމުގެ އުސޫލުގައި" އެ ޓީޗަރުން ޒިންމާއިން ވަކިކުރެވިދާނެ ކަމަށް ބުނާ މިންގަނޑާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ. ސީއެސްސީން އަމާނުﷲއަށް ފޮނުވި ލިޔުން -- އެހެންވެ، އަމާނުﷲ މަގާމުން ވަކި ކުރި ތާރީޚުން ފެށިގެން ފާއިތުވި މުއްދަތަށް "ލީޑިން ޓީޗާ ޒިންމާ އެލަވަންސް" ދިނުމަށާއި ވަޒީފާ އިއާދަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ދެ މަސް ފަހުން، އިއްޔެ ވަނީ އެޑިއުކޭޝަން މިނިސްޓްރީން، އަމާނުﷲގެ މަގާމު އިއާދަކުރަން ނިންމިކަން ލިޔުމުން އޭނާއަށް އަންގާފައެވެ. އެކަމަކު، މިއަދު އެއްވެސް ސަބަބެއް ނެތި، އޭނާގެ ވަޒީފާ ގދ. ވާދޫގެ ޖަމާލުއްދީން ސުކޫލަށް ބަދަލުކޮށް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ސުކޫލަށް ވަޒީފާއަށް ނުކުންނަން އަންގާފައިވާކަން 'ސަން'އަށް ވަނީ އެނގިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ވާދޫ ސްކޫލަށް ބަދަލުކުރުމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް ކަމަށެވެ. https://x.com/faya_i/status/1996177682565124598 އެގޮތުން، އެއީ، އެޑިއުކޭޝަން މިނިސްޓްރީން "ބޭއިންސާފުން" އެޅި ފިޔަވަޅެއް ކަމަށް ތުހުމަތުކުރައްވައި، ފައްޔާޒް ވަނީ، މިކަމުން ވަޒީފާގެ ރައްކާތެރިކަން މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމަށް ވިދާޅުވެފައެވެ. "ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ. މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވިއެވެ. މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަމާނުﷲ ވާދޫ ސުކޫލަށް ބަދަލުކުރީ، އެ ސުކޫލުގައި ޕްރިންސިޕަލެއް ނެތުމުން ވަގުތީ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ