ރާއްޖޭގައި، މިހާރު ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޑަބަލްސް އިވެންޓްގެ ތިން ވަނަ ހޮވުމަށް ކުޅުނު ލޯ މެޑަލް މެޗުގައި ރޭ އެމެރިކާގެ ޕެއާ އަތުން ރާއްޖޭގެ އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ނަހުފާ އާއި ފައިނާޒްގެ ޕެއާ ބަލިވީ އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ އަތުންނެވެ. މި މެޗުން އެމެރިކާގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުން ރާއްޖޭގެ ނަހުފާ އާއި ފައިނާޒްގެ ޕެއާ އިން، 22-13 އިން ކުރިހޯދި އެވެ. އެކަމަކު، ދެން ކުޅުނު، ދެވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށް ފަހު އެމެރިކާގެ ޕްރިތީ އާއި ތޭޖަސްވީ މޮޅުވީ 23-20 އިންނެވެ. ނަތީޖާ ނެރުނު ފަހު ސެޓުގައި ޕްރިތީ އާއި ތޭޖަސްވީ ވަނީ 17-11 އިން ކުރިހޯދައިފަ އެވެ.
ފިރިހެނުން ޑަބަލްސްގެ ތިން ވަނަ ހޮވާ މެޗުން މޮޅުވީ، ސިންގަޕޫރުގެ ލެނަސް ޕޯލް އާއި ރަމަންޕްރީތު ސިންގް ޕަހްވާ އެވެ. ބަންގްލަދޭޝްގެ ހައެމަތު މޮއްލާ އާއި ހާފިޒުރްރަހްމާންގެ ޕެއާ އަތުން ލެނަސް އާއި ރަމަންޕްރީތުގެ ޕެއާ މޮޅުވީ، 21-20، 19-05 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތުގެ ޕެއާ.--- ފޮޓޯ: ކެރަމް ވޯލްޑް ކަޕް
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ސްރިނިވާސް އާއި އަބިޖީތުގެ ޕެއާ އެވެ. އެއީ، އިންޑިއާގެ ޕްރަޝާންތު މޯ އާއި ސަދީޕް ޑީވޭ އަތުން ދެ ސެޓުން ވެސް 24-05 އިން ކުރިހޯދައިގެންނެވެ.
އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ކީރްތަނާ އާއި ކާޖަލްގެ ޕެއާ އިންނެވެ. އެއީ، ފައިނަލުގައި އިންޑިއާގެ ވީ މިތުރާ އާއި އެމް ހާޒިމާ އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 16-15، 25-10 އަދި 19-16 އިންނެވެ.
ސަތާރަ ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ކެރަމް ވޯލްްޑް ކަޕްގައި ކުޅޭއިރު، މިއީ، ރާއްޖޭގައި މި މުބާރާްތް ބާއްވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަހަރު ރާއްޖޭގައި ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރިންނެވެ. އެއީ، 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގަ އެވެ.
މިހާރު ކުރިއަށްދާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ އެއް ކެރަމް ވޯލްޑް ކަޕް ކަމަށް އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ރައީސް، ޖޯސެފް މޭޔާ ވަނީ ވިދާޅުވެފަ އެވެ.
ކެރަމް ވޯލްޑް ކަޕް: ލޯ މެޑަލް މެޗުން ރާއްޖޭގެ ނަހުފާ އާއި ފަައިނާޒަށް ނާކާމިޔާބު ކެރަމް ވޯލްޑް ކަޕް: ލޯ މެޑަލް މެޗުން ރާއްޖޭގެ ނަހުފާ އާއި ފަައިނާޒަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ