ޝައޯމީއާއި ޑީޕްސީކް 'ބްލެކްލިސްޓް' ކުރަން އެމެރިކާގެ މެންބަރުން ގޮވާލައިފި
ޗައިނާގެ އަސްކަރިއްޔާއަށް ވާގިވެރިވާ ކަމަށް ތުހުމަތުކޮށް، އެ ގައުމުގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ 'ޑީޕްސީކް' އާއި 'ޝައޯމީ' ފަދަ ކުންފުނިތަކެއް އެމެރިކާގެ ޕެންޓަގަންގެ ޚާއްސަ ލިސްޓެއްގައި ހިމެނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކެއް ގޮވާލައިފިއެވެ. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ނުވަ މެމްބަރަކު ސޮއިކުރައްވައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތަށް ފޮނުއްވި މި ސިޓީގައި އެދިވަޑައިގެންފައިވަނީ، "ސެކްޝަން 1260އެޗް" ގެ ދަށުން ބަލަހައްޓާ ލިސްޓަށް މި ކުންފުނިތައް އިތުރު ކުރުމަށެވެ. މި ސިޓީ ފޮނުވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ އަސްކަރީ ބަޖެޓުގެ ބިލު ތަސްދީގު ކުރެއްވި ފަހުންނެވެ. މި ލިސްޓަށް އިތުރުކުރުމަށް އެދިފައިވާ ކުންފުނިތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި 'ޑީޕްސީކް' އާއި ސްމާޓްފޯނު އުފައްދާ 'ޝައޯމީ' ގެ އިތުރުން ޑިސްޕްލޭ އުފައްދާ 'ބީއޯއީ' ހިމެނެއެވެ. https://sun.mv/212005 ޑީޕްސީކްއިން ޗައިނާގެ އަސްކަރިއްޔާއަށް އެހީތެރިވެ، އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކަށް މަކަރު ހަދާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތު ކުރާއިރު، އައިފޯނު އުފައްދާ އެޕަލް ކުންފުންޏަށް ޑިސްޕްލޭ ފޯރުކޮށްދޭ ބީއޯއީ ކުންފުނި ވެސް 2030 ގެ ނިޔަލަށް އެމެރިކާގެ ސަޕްލައި ޗެއިންއިން ބޭރުކުރުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. މެންބަރުން މި ކުންފުނިތައް ލުމަށް އެދޭ "ސެކްޝަން 1260އެޗް" ލިސްޓަކީ ސީދާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާ ލިސްޓެއް ނޫން ނަމަވެސް، މިއީ އެމެރިކާގެ އަސްކަރިއްޔާއާއި ސަރުކާރުގެ އިދާރާތަކަށް ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ވަރުގަދަ އިންޒާރެކެވެ. މި ލިސްޓުގައި މިހާރުވެސް ޗައިނާގެ ޓެންސެންޓް އަދި އީވީ ބެޓެރީ އުފައްދާ ސީއޭޓީއެލް ފަދަ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މި ކުންފުނިތަކުގެ އިތުރުން ވޫޝީ އެޕްޓެކް، ރޮބޯސެންސް، ޔުނިޓްރީ ރޮބޮޓިކްސް އަދި ހުއާ ހޮންގް ސެމިކޮންޑަކްޓާ ފަދަ އެހެނިހެން ކުންފުނިތައް ވެސް މި ލިސްޓުގައި ހިމެނުމަށް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ. މި ޚަބަރު ފެންމަތިވެފައި މިވަނީ، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ނަން "ޑިޕާޓްމަންޓް އޮފް ވޯ" ނުވަތަ ހަނގުރާމައާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކުރުމަށް ރައީސް ޓްރަމްޕް އަމުރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ