ރިޖެކާ، ކްރޮއޭޝިއާ (ނޮވެމްބަރު 15) - މީގެ ކުރިން ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެފައިވާ ކްރޮއޭޝިއާ އިން އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ބާކީ މެޗެއް އޮއްވައި، ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކުރީ ރޭ ފެރޯ އައިލެންޑް އަތުން 3-1 އިން މޮޅުވެގެންނެވެ.
ރޭގެ މެޗުގައި، ލީޑުނެގީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ފެރޯ އައިލެންޑް އެވެ. އެ ޓީމުން ލަނޑު ޖެހީ، އިނގިރޭސި ކްލަބް، ގްރިމްސްބީ ޓައުން އަށް ކުޅޭ ގެޒާ ޑޭވިޑް ޓޫރީ އެވެ. އޭނާ މެޗުގެ 16 ވަަނަ މިނިޓްގައި ލަނޑު ޖެހިއިރު، ކްރޮއޭޝިއާ އިން ވަނީ އޭގެ ހަތް މިނިޓް ފަހުން ކްރޮއޭޝިއާގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ކްރޮއޭޝިއާ އިން ލީޑުނެގީ 57 ވަނަ މިނިޓްގައި ޕެޓާ މުސާ ޖެހި ގޯލުންނެވެ. މިއީ، 2023 ވަނަ އަަހަރުގެ ފަހުން އޭނާ ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ކްރޮއޭޝިއާ އަށް މި މޮޅު ކަށަވަރުކޮށްދިން ލަނޑު ޖެހީ، 70 ވަނަ މިނިޓްގައި ނިކޮލަ ވްލަސިޗް އެވެ. މިއީ، އިވާން ޕެރިސިޗް ދިން ބޯޅައަކުން ވްލަސިޗް ޖެހި ގޯލެކެވެ.
ފްރާންސްގައި 1998 ވަނަ އަަހަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ އަށް ދަތުުރުކުރި ކްރޮއޭޝިއާ އިން ވަނީ 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގަޔާއި އެންމެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.
ކްރޮއޭޝިއާ އިން ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކުރީ ގްރޫޕްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، އެއް މެޗު އެއްވަަރުކޮށް، 19 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ޕްލޭއޮފްގެ ޖާގަ ލިބޭ މަގާމު ހޯދީ ހަތް މެޗުން 13 ޕޮއިންޓް ލިބުނު ޗެކް ރިޕަބްލިކް އެވެ. ޗެކުން ފަހު މެޗުގައި ކުޅޭނީ ގިބްރޯލްޓާއާ ދެކޮޅަށެވެ.
ކްރޮއޭޝިއާ އަކީ ވޯލްޑް ކަޕުން ޖާގަ ހޯދި ޔޫރަޕްގެ ތިން ވަނަ ގައުމެވެ. މީގެ ކުރިން، އިންގްލެންޑާއި ފްރާންސް އިން ވަނީ ޖާގަ ހޯދައިފަ އެވެ.
ކްރޮއޭޝިއާ އިން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ ކްރޮއޭޝިއާ އިން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ