ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސް މަޢުމޫނަށް އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ރައީސް މަޢުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އެރުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނައަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނިރުބަވެރިންނާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރައީސް މަޢުމޫން ދެއްވި އިރުޝާދާއި ކުރައްވާފައިވާ އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ދުޝްމަނުންގެ ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެޅުއްވި މުހިންމު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.
ޝަރަފުގެ އައްޑަނައިގެ އިތުރުން ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއްވެސް މިއަދު ވަނީ އަރުވާފައި އެވެ. މި އައްޑަނަތަކަކީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު ދެއްވަން ނިންމެވި އައްޑަނަތަކެކެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ