ކުޅުދުއްފުށީ ސިޓީ މަށިކުޅީގައި ޤާއިމްކޮށްފައިވާ ހިތްގައިމު ވިއުވިންގް ޕްލެޓްފޯމަކީ، މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ހިތްފަސޭހަ ޕްލެޓްފޯމެއްކަން ޔަޤީނެވެ. އަދި މިތަނުގެ ވުޖޫދުން ކުޅީގެ ގުދުރަތީ ރީތިކަން މިތަނަކަށް ޒިޔާރާތްކުރާ ފަރާތްތަކަށް ބަލާލުމަށް ލިބޭ ފުރުސަތަކީ އެބަޔެއްގެ ހިތްތަކަށް މަރިޔާދުކަން ގެނެސްދޭކަމެއްކަން އެއީ ޝައްކެއް ވެސް ނެތްކަމެކެވެ.
މި ވިއުވިން ޕްލެޓްފޯމް ހުޅުމަށްފަހު ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ދެކެވޭ ވާހަކައަކީވެސް އެއީއެވެ. އެ ތަނުގެ ހިތްގައިމުކަމާއި، މިތަން ބިނާކުރުމަށް މިކަމުގައި ޝާމިލްވި ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ވާހަކަ އެވެ.
މިގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އާއި ގުޅިގެން މި ޕްލެޓްފޯމް މިހާ ފުރިހަމަ ޒިޔާރާތަކައް ހަދާފައިވާއިރު، މި ފުރިހަމަ މަސައްކަތުގެ ފަހަތުގައި، ޒިގްޒެގް އިން އިސްނަގައިގެން ޔޫއެންޑީޕީގެ ސްމޯލް ގްރާންޓްސް ޕްރޮގްރާމުގެ ފަންޑިންގ ގެ ދަށުން ޕްލެޓްފޯމުގެ ހިތްގައި ޑިޒައިނާއި، ބީ.އޯ.ކިއު ތައްޔާރުކޮށް ޕްލެޓްފޯމު ނިންމުމަށް ތަކެތި ފޯރުކޮށްދީފައެވެ.
ޒިގްޒެގް ގެ މި އިސްނެގުމާއި ސިޓީ ކައުންސިލާއި އެކު އެތައް މަޝްވަރާއަކަށް ފަހު، ސިޓީ ކައުންސިލުން މި ޕްލެޓްފޯމުގެ އަމަލީ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އާއެވެ. މިގޮތުން އެ ކުންފުންޏާއި ހަވާލުކުރެވުނު މަސައްކަތްތަކުގައި ޕްލެޓްފޯމުގެ ކޮންކްރީޓް މަސައްކަތައް ދާންދެން ހިޔާގަނޑުގެ މަސައްކަތް އަދި، ވޯކްވޭގެ އިތުރުން ޕްލެޓްފޯމަށް ވަންނަ އިރު ރައްޔިތުންގެ ލޮލުގައި އަޅައިގަންނަ ފަދަ ރީތި ނަންބޯޑަކާއި، ލައިޓިންގ ގެ މަސައްކަތް ހިމެނެއެވެ.
މި ފުރިހަމަ ޕްލެޓްފޯމު ގާއިމުކުރުމުގައި ސިޓީ ކައުންސިލާއި އެކު މަސައްކަތްކުރި ކުޅުދުއްފުށީގެ ހަރަކާތްތެރި ޖަމިއްޔާއެއްކަމަށްވާ ޒިގްޒެގް ގެ ފަރާތުން ''ތިލަދުން'' އަށް ވާހަކަދައްކަވަމުން އެ ޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ، ކުޅުދުއްފުށި ސިޓީގެ ކުޅި އަކީ "އާދައިގެ ކުޅިއެއް" ނޫންކަމަށެވެ. މި ކުޅި އަކީ ކުޅުދުއްފުށީގެ ރައްޔިތުން އެތަނަކަށް ފަޚުރުވެރިވާ، ސިޓީގެ ނަން އެތަނަށް ނިސްބަތްވާ މަށިކުޅި ކަމަށެވެ. މިގޮތުން މި ޕްލެޓްފޯމުގެ ސަބަބުން ސިޓީގެ ރައްޔިތުންނާއި، ޒިޔާރާތްކުރާ ފަރާތްތަކަށް ކުޅީގެ ރީތިކަން ވަރަށް ފަސޭހަކޮށް ކައިރިން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން ޒިގްޒެގް ގެ މަޤުސަދުގެ ތެރޭގައި މުޖުތަމަޢުއަށް ފައިދާ ހުރި ކަންތައްތަކެއް ކުރުން ހިމެނޭކަމަށާއި، މިހާރު ޒިގްޒެގުން އިސްކަމެއްދޭ އެއް ދާއިރާ އަކީ ތިމާވެށި ޚިމާޔާތްކުރުމުގެ ދާއިރާކަމަށް ފާހަގަކުރަމުން މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ 2023 ވަނަ އަހަރު ދަ އޭޝިއާ ފައުންޑޭޝަން ގެ ގްރާންޓް އެހީއެއްގެ ދަށުން ހިންގުނު ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ މަށިކުޅި ވަށައިގެންވާ ސަރަހައްދު ސާފުކޮށް ކުޅީގައި ގަސް އިންދުމުގެ ޕްރޮގްރާމަކާއި ކުޅި ހިމާޔާތް ކުރުމަށް ހޭލުންތެރިކުރުމުގެ ސެޝަން އެއްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މިފަދަ އިޖުތިމާއީ ހަރަކާތްތަކަކަށްފަހު، ޒިގްޒެގުން ޕްލެޓްފޯމެއް ޤާއިމުކުރުމަށް ޖެފް ސްމޯލް ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހަޅައިގެން ކާމިޔާބުކުރުމަށްފަހު، އެ ގްރާންޓުގެ ދަށުން މިހާރު އެ ފެންނަން ހުރި ޕްލެޓްފޯމުގެ ފެންވަރަށް ޤާއިމްކުރެވޭނެތޯ ބެލިއެވެ. ނަމަވެސް އެއިރު ލިބިފައިވާ ގްރާންޓުގެ ދަށުން ޕްލެޓްފޯމު ތަރައްޤީނުކުރެވޭނެތިން ސިޓީ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ތެރެއިން ސިޓީ ކައުންސިލުގެވެސް ތަރައްޤީ ޕްލޭންގެ ތެރެއިން މިފަދަ ޕްލެޓްފޯމެއް ޤާއިމުކުރުމުގެ ޚިޔާލު ފާޅުކުރުމަށްފަހު، ކައުންސިލުން ބޮޑު ބައެއް ފަންޑްކޮށް ކުރިއަށްގެންދަން ނިންމި ނިންމުމަކީ މިއަދު ކުޅުދުއްފުށީ ވިއުވިންގ ޕްލެޓްފޯމުގެ ފެށުން ކަމަށް މުޙައްމަދު ޢަލީ ފާހަގަކޮށްފައިވެއެވެ.
ދިގު އިންތިޒާރަކަށްފަހު މިއަދު ރައްޔިތުންނަށް ފެންނަން ހުރި މި ވިއުވިން ޕްލެޓްފޯމަކީ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބުނު މަޤުބޫލުކަމުން ކުޅުދުއްފުށީ ރައްޔިތުންނަށް އެތަނުގެ ޚާއްސަ ގުދުރަތީ މާހައުލަށް ދޭ އަހައްމިއްޔަތުކަން ދައްކައިދޭ ޚާއްސަ ތަނެއްކަން ޔަގީނެވެ.
މިއަދު މިތަނުގެ ވާހަކަ ދައްކަނީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން އެކަންޏެއްނޫނެވެ. މުޅި ރާއްޖޭގެ ''ހިތް'' ވެސް މި ޕްލެޓްފޯމަށް ދަމައިގެންފިއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކުޅުދުއްފުށީ ސިޓީގެ މަށިކުޅި ވިއުވިން ޕްލެޓްފޯމަށް އެންމެންގެ ހިތް, ޒިގްޒެގްގެ ބައިވެރިވުން ބޮޑު އިޖުތިމާއީ ހަދިޔާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ