ސިޔާސީ އޮއެވަރެއްގައި ގެއްލުނު އިހުތިރާމް ހޯދަން ރައީސް ގައުމީ ކެމްޕެއިނެއް ފައްޓަވަނީ

މީގެ ކުރިން ދިވެހިންގެ ތެރޭގައި އޮތް އިހުތިރާމް ކުރުމުގެ އާދަ 'ސިޔާސީ އޮއެވަރެއްގައި ޖެހިގެން' މިހާރު ވަރަށް ބޮޑުތަނުން ވެއްޓިފައިވާ ކަމަށާއި އެ އިހުތިރާމް އަނބުރާ އިއާދަ ކުރުމަށް ގައުމީ ކެމްޕެއިނެއް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
ވީ ކިިހިނެއް؟ - ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ، އަރިއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އދ. މަހިބަދުއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
ތަފްސީލު - އެ ޖަލްސާގައި އެ ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގައި މަސައްކަތް ކުރަމުން އަންނައިރު، ދިވެހިންގެ ސިކުނޑިތައް ވެސް ތަރައްގީވާން އެބަ ޖެހޭ ކަމަށެވެ. ސިކުނޑި ތަރައްގީވުމަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ މީހުންގެ އުޅުމާއި ގުޅުން ވެސް ތަރައްގީވެ، އެކަކު އަނެކަކަށް އިހުތިރާމް ކުރުން ވެސް އެއީ އޮތް ކަމެއްކަން ދަތުމެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަަށް އިހުތިރާމް ކުރުން، އެކަކު އަނަކަކަށް އޮންނަން ޖެހޭ ގާތް ގުޅުން މިއީ ރާއްޖޭގައި ދިވެހިން ތެރޭގައި ފަހުރުވެރިކަމާ އެކު އަޅުގަނޑުމެން ބަލައިގަންނަ ކަމެއް. ދިވެހިންނަކީ އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނާ އެކު ހިނުތުންވުމާ އެކު އަޅާލާ ބައެއް ކުރީގައި،" ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސިޔާސީ އޮއެވަރެއްގައި މީގެ އެތައް އަހަރެއް ކުރިން ވަދެގެން ދާން ފެށި ގޮތަށް ގޮސް މިހާރު މިއޮތީ ރެސްޕެކްޓް ކުރުން [ނުވަތަ] އިހްތިރާމް އަދާކުރުން ވަރަށް ބޮޑަށް ވެއްޓިފައި."
ސިޔާސީ އޮއެވަރެއްގައި ޖެހުނު ކަމަށް ރައީސް އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ރާއްޖެއަށް ގިނަ ޕާޓީ ނިޒާމެއް ތައާރަފްވުމާ އެކު އެ އައި ސިޔާސީ ހަލަބޮލިކަން ކަމެއް ނުވަތަ އޭގެ ފަހުން އައި ސިޔާސީ ހަލަބޮލިކަން ކަމެއް އެ މަނިކުފާނު ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އެ މަނިކުފާނުުގެ ވިސްނުންފުޅަކީ އެ ސިޔާސީ އޮއެވަރު އައުމުގެ ކުރިން ރާއްޖޭގައި އޮތް އެކަކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ އާދަ އަނބުރާ އިއާދަ ކުރުން ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ މިކަން [އިހުތިރާމް ނުކުރާ މައްސަލަ] ބަދަލު ކުރަން ކުރީގައި އޮތް ގޮތަށް އަޅުގަނޑުމެން ދާން. އަޅުގަނޑު ހިތުން [ގަބޫލު ކުރަނީ] ހުރިހާ ރައްޔިތުން ހަގީގަތުގައި ބޭނުންވާނެކަން، ރެސްޕެކްޓް ކުރަން އެކަކު އަނެކަކަށް. އިހުތިރާމް އަދާ ކުރަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ބޭނުން މި އަންނަ އަހަރު ތެރޭގައި ސަރުކާރުން، މިއީ އަތްލެވޭ މަޝްރޫއެއް ނޫން އެހެން ނަމަވެސް ބިޔަ މަޝްރޫއެއްގެ ގޮތުގައި އިހުތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއޫއެއް ފަށަން. ރެސްޕެކްޓް ކެމްޕެއިނެއް ފަށަން."
ރައީސް އެދިވައިގެންނެވީ، ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކާއި ޕާޓީތައް އަދި ޖަމިއްޔާތަކުން އެ މަނިކުފާނު މި ފައްޓަވާ ގައުމީ ކެމްޕެއިންގައި ބައިވެރިވުމަށެވެ. މި ކެމްޕެއިން ހަގީގީ ނަތީޖާ ފެންނަނީ އެ އެންމެންގެ ބައިވެރިވުމާ އެކު، ވަށާޖެހޭ މަސައްކަތެއްކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
"ބައިވެރިވެގެން އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ ގެނެސް، މި ގައުމުގައި ދިވެހިންގެ ތެރޭގައި ކުރީގައި އޮތް އިހުތިރާމް އަދާ ކުރުން. އަވައްޓެރިންނަށް އިހުތިރާމް އަދާ ކުރުން. މައިންބަފައިންނަށް އިހުތިރާމް އަދާ ކުރުން. ދުވަސްވީ މީހުން އިހުތިރާމް އަދާކުރުން. ކްލާސްރޫމްތަކުގައި ޓީޗަރުންނަށް އިހުތިރާމް އަދާ ކުރުން. މިހެން ގޮސް މުޅި ގައުމުގައި، މުޖްތަމައުގައި އެކަކު އަނެކަކަށް އިހުތިރާމް އަދާކޮށް، މި ރެސްޕެކްޓް އެބަ ޖެހޭ އަންނަން،" ރައީސް އިތުރަށް ވިދާޅުވި އެވެ.
މި ކެމްޕެއިންގެ ދަށުން ކުރާނެ ކަންކަމެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ