އައިފޯން 17 ޕްރޯ މެކްސްގެ އަގު ހެޔޮވެދާނެ: ރިޕޯޓް
އެޕަލް އިން މިއަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ އައިފޯން 17 ސީރީޒްގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ "އައިފޯން 17 ޕްރޯ މެކްސް" ގެ އަގު، މިހާރުގެ މޮޑެލްތަކަށްވުރެ އަގުހެޔޮ ވެދާނެކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. އެނަލިސްޓުންގެ ރިޕޯޓްތަކާ ހަވާލާދީ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނާގޮތުގައި، އައިފޯން 17 ގެ އަސާސީ މޮޑެލްއާއި އައިފޯން 17 ޕްރޯ މެކްސްގެ އަގަށް ހޮޔޮ ބަދަލެއް އަތުވެދާނެއެވެ. ނަމަވެސް، "ޕްލަސް" މޮޑެލްގެ ބަދަލުގައި ތައާރަފުކުރާނެކަމަށް ބެލެވޭ އައު "އައިފޯން 17 އެއާ" ގެ އަގު، އައިފޯން 16 ޕްލަސްއަށްވުރެ 50 ޑޮލަރު (ގާތްގަނޑަކަށް 771 ރުފިޔާ) ބޮޑުވާނެއެވެ. އަދި އައިފޯން 17 ޕްރޯގެ އަގު، އައިފޯން 16 ޕްރޯ އަށްވުރެ 100 ޑޮލަރު (ގާތްގަނޑަކަށް 1,542 ރުފިޔާ) ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. މި މައުލޫމާތުތައް ލިބެނީ އެޕަލްގެ އުފެއްދުންތަކާ ބެހޭގޮތުން މައުލޫމާތު ލީކުކުރުމުގައި މަޝްހޫރު އެނަލިސްޓެއް ކަމަށްވާ ޖެފް ޕޫ އާ ހަވާލާދީ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަގުވާމީ މީޑިއާތަކުންނެވެ. އަގުހެޔޮވުމުގެ ވާހަކައާއެކު، މި ފޯނަށް އަންނާނެ ކަމަށް ބެލެވޭ ފީޗާތަކުގެ މައުލޫމާތުތައްވެސް ވަނީ ލީކުވެފައެވެ. އެގޮތުން، ފޯނުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅިން އާ ސިފައެއް ގެނެސްދޭނެ ކަމަށް ބެލެވޭއިރު، މިހާރު ފެންނަ 'ޑައިނަމިކް އައިލެންޑް' އިތުރަށް ހަނިކޮށް، ސްކްރީންގެ ބޭނުންކުރެވޭ ސަރަހައްދު ބޮޑުކުރާނެ ކަމަށް ވެސް ލީކުވެފައިވާ މައުލޫމާތުތައް ބުނެއެވެ. ޕާފޯމަންސަށް ބަލާއިރު، އެޕަލްގެ އެންމެ އާ އަދި އެންމެ ބާރުގަދަ 'އޭ19 ޕްރޯ' ޗިޕް ބޭނުންކުރާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް އައިފޯނެއްގައި 12ޖީބީގެ ރެމް އެއް ހިމަނާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއީ ފޯނުގެ ސްޕީޑާއި، އެއްފަހަރާ ގިނަ އެޕްލިކޭޝަންތައް ހިންގުމުގެ ގާބިލުކަމަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ. ކެމެރާގެ ފެންވަރަށްވެސް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމަށް ލަފާކުރެވެއެވެ. ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކުރިމަތީ ސެލްފީ ކެމެރާ އަދި ޓެލެފޮޓޯ ލެންސް، މި ދެ ކެމެރާވެސް 48 މެގަޕިކްސެލް އަށް އަޕްގްރޭޑްކޮށް، ކުރިއަށްވުރެ މާ ތަފްސީލީ އަދި ސާފު ފޮޓޯތަކެއް ނެގޭނެއެވެ. އެހެންނަމަވެސް މި ހުރިހާ މައުލޫމާތަކީ އަދި ރަސްމީކޮށް އެޕަލްއިން ކަށަވަރުކޮށްދީފައިވާ ވާހަކަތަކެއް ނޫނެވެ. އައިފޯން 17 ސީރީޒް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅުގައެވެ. އޭގެ ކުރިން އަންނަ ހަފުތާގެ އަންގާރަ ދުވަހު އެޕަލްއިން އައިފޯން 17 ސީރީޒް އިއުލާނު ކުރުމަށް ތައްޔާރުވަމުން އަންނައިރު، އައިފޯން 17 އާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ހަގީގަތް އެނގޭނީ، އެޕަލްއިން ރަސްމީކޮށް އެ ފޯނު ތައާރަފު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ