ވެލާ އިން އޭދަފުށި ކަޕްގެ ތަށި ދިފާއުކޮށްފި ވެލާ އިން އޭދަފުށި ކަޕްގެ ތަށި ދިފާއުކޮށްފި

އޭދަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އޭދަފުށީ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން، ހޯދައި ވެލާ ސްޕޯޓްސް ކްލަބުން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
އިއްޔެ ހަވީރު، އޭދަފުށި ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި، ވެލާ އިން ވަނީ 2-1 ގެ ނަތީޖާއަކުން އިރުމަތި އެފްސީ ބަލިކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި، އިރުމަތިން ވެލާގެ މައްޗަށް ކުރިހޯދި ނަމަވެސް ވެލާ އިން މި ވަނީ ފައިނަލުގައި ބަދަލުހިފައިފަ އެވެ.
ފައިނަލް މެޗަށް ނުކުތްއިރު، އިރުމައްްޗަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ، އެ ޓީމުގެ ބިދޭސީ ފޯވަޑް، ޕްރިންސް ބޯޑޫ ސަސްޕެންޝަނުގައި ހުރުމެވެ. އޭނާ ސަސްޕެންޑްކުރީ ސެމީ ފައިނަލް މެޗުގައި ރަތް ކާޑެއް ދެއްކުމުންނެވެ.
ވެލާ އިން ފުރަތަމަ ހާފުގައި ލީޑުނެގި ގޯލު ޖެހީ، އަހުމަދު ސުހައިލް (ބަންބުޗް) ހުރަސް ކޮށްދިން ބޯޅަ އަކަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، ތަޖުރިބާކާރު ކުޅުންތެރިޔާ، އަލީ ޒުބޭރު އެވެ. ވެލާ އިން ލީޑުގައި އޮވެ، ދެ ވަނަ ހާފަށް ކުޅެން އަރައި ބޮޑަށް ވިސްނައިގެން ކުޅުން ކުރިއަށްގެންދިޔައީ ކައުންޓަ އެޓޭކަށެވެ. އެ ގޮތުން، ތަނަވަސްވި ފުރުސަތެއްގައި، ވެލާގެ ދެ ވަނަ ލަނޑު ޖެހީ އިރުމަތީގެ ކީޕަރު، އަބްދުއް ސައްދާދު އާދަމް ކައިރިން ނައްޓާފައި އަބްދުލްމަޖީދު (މަޖިއްޓެ) އެވެ.
އިތުރު ވަގުތުގައި އިރުމައްޗަށް ލިބުނު ޕެނަލްޓީ އަކުން އަލީ ނަސީމް (ދިއްލި) ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.
ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ޝަރަފްވެރިކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، މުބާރާތުގެ ވެސް މޮޅު ކީޕަރަކަށް ހޮވުނު ވެލާގެ ކީޕަރު، މިފްދާދު އަހުމަދު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ އިރުމަތި އެފްސީގެ ޕްރިންސް ބޯޑޫ އާއި ހުސް ސޮނގުންގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވެލާގެ މުހައްމަދު އިހްސާން ސައީދު (ލިއުބީ) ހޮވުނުއިރު، މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމު އިރުމަތި އެފްސީގެ އަބްދުﷲ ޖައުޝަން (ޖައުޅޭ) އަށް ވަނީ ލިބިފަ އެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ އިމްތިޝާލް އަބްދުލް ރަހީމް (ޕަބް) އެވެ. އަދި، މުބާރާތުގެ ފެއާޕްލޭ ޓީމަކީ އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑެމީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ