އެޕަލްގެ މެކްބުކް ޕްރޯ މޮޑެލްގައި ޓަޗް ސްކްރީނެއް!
އެޕަލްގެ މެކްބުކް ޕްރޯގެ އާ މޮޑެލްގައި ޓަޗް ސްކްރީނެއް ހިމެނިދާނެކަމަށް މާކެޓް އެނަލިސްޓުން ލަފާކުރައްވައިފިއެވެ. މިކަމުގެ ސަބަބުން އެޕަލްގެ އައިޕެޑް އާއި މެކްބުކްގެ މޮޑެލްތަކުގެ ދެމެދުގައި ހުރި ތަފާތު ކުޑަވެގެންދާނެކަމަށް ވެއެވެ. މި ރިޕޯޓްތައް ބުނާގޮތުން އޯލެޑް ސްކްރީނާއެކު އަންނަ މެކްބުކް ޕްރޯގެ އުފެއްދުން 2026 ވަނަ އަހަރުގެ ފަހުކޮޅު ފުޅާދާއިރާއެއްގައި އުފައްދަން ފަށާނެއެވެ. ޓީއެފް ސެކިއުރިޓީޒް އިންޓަނޭޝަނަލްގެ އެނަލިސްޓް މިނގް-ޗީ ކޫ އެކްސް ގައި ކުރި ޕޯސްޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެޕަލްގެ މެކްބުކް ޕްރޯގެ އޯލެޑް ޑިސްޕްލޭ މޮޑެލް 2026 ވަނަ އަހަރުގެ ފަހުކޮޅު މާސް ޕްރޮޑަކްޝަނަށް ދާނެއެވެ. ޝައުގުވެރިކަމާއެކު، މި ލެޕްޓޮޕްގައި އޮން-ސެލް ޓަޗް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެޕޭސިޓިވް ޓަޗްސްކްރީނެއްވެސް ހުންނާނެ ކަމަށް ބެލެވެއެވެ. ކޫ ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން މެކްބުކް އާއި އައިޕެޑްގެ ދެމެދުގައި ހުރި ތަފާތުތައް ކުޑަވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ޓެބްލެޓް ބޭނުންކުރާ ފަރާތްތަކުގެ އާދަތައް ހުރިނެތްގޮތް އެޕަލްއިން ދިގު މުއްދަތަށް ބެލި ބެލުން ދައްކުވައިދޭ ކަމެއް ކަމަށާއި، ބައެއް ހާލަތްތަކުގައި ޓަޗް ކޮންޓްރޯލްތަކުން އުފެއްދުންތެރިކަން އިތުރުކޮށް، ބޭނުންކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކޮށްދޭ ކަމުގެ ހެކިދައްކާ ކަމަށެވެ. ބްލޫމްބާގްގެ އެނަލިސްޓް މާކް ގާމަން ކުރިން އޭނާގެ ނިއުސްލެޓަރެއްގައި ވިދާޅުވެފައިވަނީ އޯލެޑް ޑިސްޕްލޭއާއެކު އަންނަ މެކްބުކް ޕްރޯއެއް 2026 ވަނަ އަހަރުގެ ފަހުކޮޅާއި 2027 ވަނަ އަހަރުގެ ކުރީކޮޅާ ދެމެދު ނެރޭނެ ކަމަށެވެ. މި ފްލެގްޝިޕް ލެޕްޓޮޕްގައި އެޕަލްގެ އެމް6 ޗިޕް ހަރުކުރެވިފައި ހުންނާނެ ކަމަށް އޭނާ ލަފާކުރައްވައެވެ. އެ ދުވަސްވަރު އޭ ވިދާޅުވެފައިވަނީ، އެޕަލް އިން ހާޑްވެއާ ރަނގަޅުކޮށް ދިގު މުއްދަތަކަށް ބޭނުންކުރެވޭ ގޮތަށް ހެދި ނަމަވެސް، ބޭނުންކުރާ ފަރާތްތަކުން މިހާރުގެ މެކްބުކް މޮޑެލްތައް ގިނަގިނައިން އަޕްގްރޭޑް ނުކުރާ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޯލެޑް ސްކްރީނާއެކު އަންނަ މެކްބުކް ޕްރޯ މޮޑެލް ނެރުމާއެކު މިކަން ބަދަލުވެދާނެއެވެ. މިދަނޑިވަޅުގައި، ކޫ އިން ވަނީ އަގުހެޔޮ މެކްބުކް މޮޑެލްއާ ބެހޭ ބައެއް މައުލޫމާތު ވެސް ހާމަކުރައްވާފައެވެ. އެގޮތުން މި މޮޑެލްގައި އެޕަލްގެ ސްމާޓްފޯން ޗިޕްސެޓްތަކުގެ ތެރެއިން ޗިޕްސެޓެއް ހަރުކުރެވިފައި ހުރެދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ މި އަގުހެޔޮ ލެޕްޓޮޕްގައި ޓަޗްސްކްރީނެއް ނުހުރެދާނެ ކަމަށާއި، ނަމަވެސް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެ ލެޕްޓޮޕް އުފައްދަން ފަށާނެ ކަމަށެވެ. ކުރީގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ލެޕްޓޮޕްގައި އެޕަލްގެ އޭ18 ޕްރޯ ޗިޕް ހަރުކުރެވިފައި ހުންނާނެއެވެ. މިއީ މިދިޔަ އަހަރުގެ އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްގައި ހުރި ޗިޕްއެކެވެ. މި ލެޕްޓޮޕްގައި 13 އިންޗީގެ ޑިސްޕްލޭއެއްވެސް ހުންނާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ