ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަން އިޒްރޭލަށް މަޖުބޫރުކުރަން ރާއްޖޭން އަނެއްކާ ވެސް ގޮވާލައިފި
ފަލަސްތީނުގެ ޣައްޒާގައި ހިސޯރުކޮށްފައިވާ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ޣައްޒާގެ އާންމުން ތަހައްމަލުކުރަމުންދާ އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް މަޖުބޫރުުކުރަން، ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލައިފިއެވެ. ޣައްޒާ ކޮންޓްރޯލްކުރުމަށް އިޒްރޭލުން ކުރާ މަސައްކަތުގެ ދަށުން އެ ސިޓީގައި އެއްގަމުމަގުން ދޭ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ، އިޒްރޭލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ މަސްރަހު ހޫނުވެ، އެ ސިޓީއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ ކަމަށެވެ. އިޒްރޭލުން ޣައްޒާގެ ކުށެއްނެތް އާންމުންނަށް ކުރިމަތިކުރަމުންދާ ދަތިތައް ހުއްޓުވުމަށް އިޒްރޭލަށް މަޖުބޫރުކޮށް، ގައުމުތަކުން އެކުގައި ފިޔަވަޅު އަޅައި އިޒްރޭލު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަން ރާއްޖޭން ވަނީ ގޮވާލައިފައެވެ. ބައިނަލްއަގުވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް، އަދި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާއަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެ އަމަލުތަކެއް ނޫން ކަމަށްވެސް، އެ މިނިސްޓްރީން ބުންޏެވެ. ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދުކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެންކަމުގައި ފޮރިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ