މިއަދުގެ ރީތި ތާރީޚުގައި މާލޭގައި އެންމެ 18 ކައިވެނި
މިއަދުގެ ރީތި ތާރީޚު، 25-11-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ އެންމެ 18 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ. ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ. ފެމިލީ ކޯޓުން ބުނީ މިއަދު އަށާރަ ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން ހަތަރު ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި ސާދަ ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. އާންމު ދުވަސް ދުވަހަށްވުރެ ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރު ނަމަވެސް، މިއަދު ކޮށްދޭ ކައިވެނިތަކުގެ އަދަދު މަދެވެ. އާންމުކޮށް ރީތި ތާރީޚުގައި ގިނަ މީހުން ކައިވެނިކުރަން ހުށަހެޅުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރި ޖަހާފައި ވެސް ހުރެއެވެ. ފެމިލީ ކޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު 202 ކައިވެންޏެއް ކޮށްދިންއިރު، 113 ވަރި ވެސް ވަނީ ކޮށްދީފައެވެ. ދުނިޔޭގައި ވަރި އެންމެ ގިނަ ގައުމަކީ ރާއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ