މަގާމާ ހަވާލުވިތާ 10 މަސް ފަހުން، އެކްސްގެ އިޝްތިހާރު ޔުނިޓްގެ ވެރިޔާ އިސްތިއުފާދީފި
އެކްސްގެ އިޝްތިހާރު ޔުނިޓްގެ ވެރިޔާ (އެޑްވާޓައިޒިން ޗީފް) އެ މަގާމާ ހަވާލުވިތާ 10 މަސް ދުވަހަށްފަހު މަގާމުން ވަކިވެއްޖެއެވެ. އީލޯން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގެ އެޑްވާޓައިޒިން ޗީފް، ޖޯން ނިއްޓީ، މަގާމުން ވަކިވިކަން ހާމަކޮށްފައިވަނީ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ޓެކްކްރަންޗްއިންނެވެ. ނިއްޓީގެ ވަކިވުމަކީ، މަސްކް އެކްސް ގަތް ފަހުން އެ ކުންފުނީގެ އިސް މަގާމުތަކުން މީހުން ވަކިވަމުންދާ ސިލްސިލާގެ އެންމެ ފަހުގެ ހާދިސާއެވެ. މިކަމުން ދޭހަވަނީ ކުންފުނީގެ އިދާރީ ހިންގުމުގެ ތެރޭގައި ހަލަބޮލިކަމެއް އުފެދިފައިވާ ކަމެވެ. https://sun.mv/212371 މިދިޔަ އޮކްޓޯބަރު މަހު، އެކްސްގެ ސީއެފްއޯ މަޙްމޫދު ރެޒާ ބާންކީ ވެސް ވަނީ، މަގާމާ ހަވާލުވިތާ އަހަރެއް ވެސް ނުވަނީސް ވަކިވެފައެވެ. ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކުރާ ގޮތުގައި، މިފަދަ އިސްވެރިން ވަކިވަމުން ދަނީ މަސްކްގެ ކުއްލި ސިޔާސަތުތަކާއި، އިސްވެރިންނާ މަޝްވަރާ ނުކޮށް އޭނާ އެކަނި ނިންމުންތައް ނިންމާތީ ކަމަށް ބެލެވެއެވެ. މިސާލަކަށް، އެޑްވަޓައިޒިން ޓީމުގެ ޚިޔާލެއް ހޯދުމެއް ނެތި 'ހެޝްޓެގް'ތައް އިޝްތިހާރުކުރުން މަނާކުރުމަކީ، ގިނަ ބައެއްގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނު ކަމެކެވެ. މަސްކްގެ އަމަލުތަކުގެ ސަބަބުން އެކްސްގެ އިޝްތިހާރު ކުރުމުގެ ދާއިރާއަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު އޭނާ ބައެއް ބޮޑެތި ބްރޭންޑްތަކަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔުމުން ގިނަ ކުންފުނިތަކެއް ވަނީ އެކްސްގައި އިޝްތިހާރުކުރުން ހުއްޓާލާފައެވެ. ނަމަވެސް، އޭގެ ފަހުން ބައެއް ބްރޭންޑްތައް އެކްސްއަށް އެނބުރި އައިސްފައިވެއެވެ. އަދި މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި، އެކްސްއޭއައި އިން ވަނީ ޑިޒްނީ ފަދަ ކުންފުނިތަކާއެކު ޕާޓްނާޝިޕްތައް ވެސް ހަދައިފައެވެ. އެހެންނަމަވެސް، ޝެލް އާއި ޕިންޓަރެސްޓް ފަދަ ކުންފުނިތަކާ ދެކޮޅަށް އެކްސްއިން ދައުވާ ކުރުމުން، އެހެން ކުންފުނިތަކަށް އެކްސްގައި އިޝްތިހާރު ކުރުމަށް މަޖުބޫރުކުރާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޖޯން ނިއްޓީއަކީ އެޑްވަޓައިޒިން ދާއިރާގެ ތަޖުރިބާކާރެކެވެ. އެގޮތުން އެކްސްއާ ގުޅުމުގެ ކުރިން، އޭނާ ވަނީ ވެރައިޒޮންގައި ގާތްގަޑަކަށް ނުވަ އަހަރު، އަދި އެމެރިކަން އެކްސްޕްރެސްގައި ވެސް ދިގު މުއްދަތެއް ވަންދެން މަސައްކަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ