އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވަކިން ކައުންސިލެއް ހެދުމަށް ތާއީދުކުރި ހުޅުދު އާއި މީދޫގައި އެކަމުގެ އުފާފާޅުކުރުމަށް ހަވާއަރުވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟- އިއްޔެގެ ވޯޓުގައި، ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވީ ސިޓީ ކައުންސިލާ ވަކިވާށެވެ.
އެގޮތުން ވޯޓުލީ މީހުންގެ ތެރެއިން:
ހުޅުދޫގެ ގާތްގަނޑަކަށް %69 މީހުން އެކަމަށް ތާއީދުކުރި
މީދޫގެ ގާތްގަނޑަކަށް %85 މީހުން އެކަމަށް ތާއީދުކުރި
މި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް، ހަވާ އަރުވަން ނިންމާފައިވަނީ، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައި މިރޭ 8:30ގަ އެވެ. އެނގިފައިވާ ގޮތުގައި އެކަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) އާއި ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
ނަތީޖާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ 'މިނިވަންކަމާއި މުސްތަގުބަލަށްޓަކައި ތިޔަ ނިންމެވި ނިންމެވުމަށް، އަޅުގަނޑުމެންގެ ދަރިންގެ ދަރިން ވެސް ޝުކުރުވެރި ފަހުރުވެރިވާނެ' ކަމަށެވެ.
އެކަމަކު އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލުން ހުޅުދޫ އާއި މީދު ވަކިވެގެން ދިއުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ދެކިވަޑައިގަންނަވަން ބޭނުންވި ހާލަތެއް ނޫނެވެ. ނަމަވެސް ހުޅުދޫ އާއި މީދޫގެ ނިންމުމަށް އިހްތިރާމް ކުރައްވައި، މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވި އެވެ.
އިއްޔެގެ ވޯޓުގައި ވަނީ ސިޓީ ކައުންސިލްގެ ދަށުގައި އައްޑޫ ފޭދޫ އޮންނަން ބޭނުންވޭތޯ ވެސް ބަލާފަ އެވެ. އެ ރަށުގެ ގިނަ ބަޔަކު ބޭނުންވީ މިހާރު އޮންނަ ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮންނާށެވެ.
ތާރީހީ މި ވޯޓުގައި ބައިވެރިވީ، ވޯޓުލެވޭ މީހުންގެ ތެރެއިން ނިސްބަތުން މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން ދައްކާގޮތުގައި:
ވޯޓު ފޮށިތައް ބަންދުކުރިއިރު މުޅި ޖުމްލަ ވޯޓުލާފައިވަނީ 4510 މީހުން؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %47.1
5066 މީހަކު ވޯޓުގައި ބައިވެރިވެފައެއް ނުވޭ؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %52.9
ވަކިވުމުގެ އުފާ ފާޅުކުރަން ހުޅުމީދޫގައި ހަވާއަރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ