ނަރަކައިގެ ވާހަކަ ދެއްކުމުން ސަމާލުކަން ނުދީ މިއަދު އުޅެވިދާނެއެވެ. ނަތީޖާޢަކަށްވުން ގާތީ އެމީހަކަށް ނަރަކައަށް ވަންނަންޖެހުމެވެ. ވަންނަން ޖެހުމުން ރޮއި އަޑުގަދަކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އޮންނާނީ ދެއްވަވާ ގަދަފަދަ ޢަޛާބް ލިބިލިބި އޮތުމެވެ. ރަނގަޅަށް އަޑުއަހާށެވެ!
ނަރަކައަށް މީސްތަކުން ވައްދަވަން ފެށީންސުރެ މީސްތަކުންގެ އަޑުގަދަވެ ގުގުމާލެވިފައިވާނެއެވެ. އެމީހުން އަޑަށް ލެވުނުހައި ބާރެއްލައި ގޮވަމުން ގެންދާނީ އިތުރު ފުރުޞަތަކަށެވެ. އިތުރު ފުރުޞަތެއް ދެއްވަވައިފިނަމަ އެމީހުންނަކީ ޞާލިޙް އީމާންތެރިން ކަމުގައި ވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ އަޑު ކިތަންމެ ވަރަކަށް ގަދަކުރި ނަމަވެސް ﷲ ތައާލާ އެމީހުންގެ އަޑުއައްސަވައިވޮޑިނުގަންނަވާނެތެވެ.
އެމީހުންނަށް ޖަވާބު ދެއްވަވާނީ ނަރަކައިގެ މަލާއިކަތުންނެވެ. ވިދާޅުވާނީ ކަލޭމެން އިޞްލާޙް ނުވާނެ ކަމަށެވެ. ކަލޭމެންނަކީ ކަލޭމެންގެ ގާތަށް ފޮނުއްވެވުނު ރަސޫލް ބޭކަލުން، ﷲ ތަޢާލާގެ އެންގެވުން ކަލޭމެންނަށް އިއްވެވުމުން އެކަން ބަލައި ނުގަނެ މަލާމާތާއި ފުރައްސާރަކުރި މީހުން ކަމަށެވެ.
ނަރަކައިގެ ވެރިކަމުގައި ހުންނަވާނީ މާލިކްގެފާނެވެ. މާލިކްގެފާނަކީ އެއްވެސް މީހެއްގެ މައްޗަށް ރަޙުމެއް ކުލުނެއް އެއްވެސް މިންވަރަކަށް ހުންނާނެ މަލާއިކަތެއް ނޫނެވެ. ދުވަހަކުވެސް ހިނިތުންވި ބޭކަލެއް ނޫނެވެ. އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ބަދަލުވެވަޑައިގަތުމުން ހިނިތުންވެ ވަޑައި ނުގަންނަވާ ހަމައެކަނި މަލާއިކަތަކީ މާލިކްގެފާނެވެ. މާލިކްގެފާނު ކުރެއްވެވި ހަމައެކަނި ކަމަކީ ސަލާމަށް ރައްދު ދެއްވެވުމެވެ.
މީސްތަކުންނޭވެ! މަރުވާނެ ކަމާއި ޤިޔާމަތް ދުވަސް އަންނާނެކަން އެއީ ކީރިތި ޤުރްއާނުން ޔަޤީންވާ ކަންކަމެވެ. ރަސޫލްބޭކަލުން ގެނެސް ދެއްވެވި މަގަށް ތަބަޢަ ނުވުމުން ޤިޔާމަތް ދުވަހު ހުރީ މިގޮތެވެ. މަލާއިކަތުން ދެއްވަވާނެ ޖަވާބު މިބުނީއެވެ. ވީމާ އަހަރެމެންނަށް އޮތީ ރަސޫލް (ﷺ) ގެނެސް ދެއްވެވި އެންމެހައި ކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް އެކަންކަމަށް ޢަމަލުކުރުމެވެ.
ތައުބާވާން ޖެހޭ މީހުން ތައުބާވުމަށް އަވަސްވެގަންނާށެވެ! ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ކުރިމަތިވާނެ ޙާލަތަށް ބިރުވެތިވާށެވެ! ނަރަކައިގެ ހޫނުމިނުން ޒައްރެއްގެ މިންވަރު އިޙްޞާޞް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހަމަ އެއްވެސް މަޚްލޫޤެއް ނުހުންނާނެއެވެ! ވައިރޯޅިއަކުން ނަމަވެސް އިހްޞާޞްކުރަން ޖެހުނު ނަމަވެސް މެއެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން
ތިބާއަށް އަދަބުދޭން ހިތުގަ އެއްވެސް ވަރަކަށް ރަޙުމް ނެތް މީހަކާ ޙަވާލުކުރެވިއްޖެނަމަ ވާނެ ގޮތަށްވުރެ ނަރަކައިގެ މަލާއިކަތުންގެ ކިބައިން ފެންނާނެ ކަންކަން އެތައް ގުނައަކަށް އަނިޔާވެރިވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ