ލިލީގެ "މާ ލިލީ" ބަލައިފިންތަ؟

ދިވެހި ޕްރޮޑިއުސަރު އަޒްހާން އިބްރާހީމްގެ އާ ފީޗާ ފިލްމު "ލިލީ"ގެ ފުރަތަމަ ލަވަ "މާ ލިލީ" ދައްކާލައިފިއެވެ. ދިވެހި ބޮޑުބެރު ގްރޫޕު "ހޭވައްލާ ބޮޑުބެރު"ގެ ލަވަ ރިލީޒްކޮށްފައިވަނީ މިއުޒިކް ވީޑިއޯއަކާއެކުގައެވެ. މިއުޒިކް ވީޑިއޯއިން ފިލްމުގެ ތީމަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައެވެ. އަދި ކެރެކްޓަރުން ތިބޭނެ ގޮތްވެސް މި މިއުޒިކް ވީޑިއޯއިން ދައްކާލައެވެ. މި ލަވައިން ދައްކުވައިދެނީ ސާދާ “ލިލީ” ހޯދުމަށް ފިރިހެނުންތަކެއް މަސައްކަތް ކުރާ ތަނެވެ. https://www.youtube.com/watch?v=JiOqvUQz1v4 އަލީ ޔާމީން އާއި މުހައްމަދު ނާއިލު އަދި މަރިޔަމް އަޝްފާ ކިޔާފައިވާ މާ ލިލީގެ ޅެން ހަދާފައިވަނީ ރިބާހު ހުސައިން އެވެ. އަޒްހާން ޑައިރެކްޓް ކޮށްފައިވާ މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ އއ. ތޮއްޑޫގައެވެ. މާ ލިލީ އަކީ މިއަހަރު ނެރޭ ފިލްމު ލިލީގެ ޕްރޮމޯޝަނަލް ލަވައެކެވެ. އަޒްހާން ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ކެރެކްޓަރުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު އައިޝާ އަލީއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގައި ފެންނާނީ ޒުވާން އަންހެނެއްގެ ހަޔާތެވެ. އޭނާއަށް ދިމާވާ އެކި ދަތިތަކަށް ފަހު އިންސާފު ހޯދުމަށް މަސައްކަތް ކުރާތަން މި ފިލްމުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. އައިޝާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާނާއި އަހުމަދު ޝާރިފެވެ. މި ފިލްމުގެ ގިނަ މަސައްކަތްތަކެއް މިހާރު އޮތީ ނިމިފައެވެ. މި އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު ޕޯސްޓް ޕްރޮޑަކްޝަން ވެސް ގާތްގަނޑަކަށް ނިމިއްޖެއެވެ. މިހާރު ކުރިއަށްދަނީ ތަފާތު އެކި ޕްރޮމޯޝަނަލް މަސައްކަތްތަކެވެ. އަޒްހާންގެ ލިލީ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ