މުއިއްޒަށް ފަނޑިޔާރުގެ ފުޑާލަދީ ނޫސްވެރިން އުލުބައިންދަދޭ އާރުކާޓީ

ބޭބެގެ މަގުބޫލުކަމުން ނާޖާއިޒު ފައިދާ ނަގައިގެން ސިޔާސީ މައިދާނަށް ފުންމާލި މާވަރުގަދަ ގާނޫނީ ވަކީލެއްގެ އަޑު އެހީމު ހެއްޔެވެ. ހަޔާތެއް ހޭދަކުރީ މަދަރުސާތަކުގެ ހަތަރުފާރު އެތެޜޭގައެވެ. ދުނިޔެއަށް ޖެހޭ އޮއެއް ވައެއް ނޭނގި ނޭގިއެވެ.
ބޭބެގެ ހެޔޮކަމުން އަރަބިކަރައިގައި ދުވަސް ކޮޅަކު އުޅެލެވުނީތީ އެވަރުގެ ގާނޫނީ މީހަކު މި އުޑުބަޅު ކުރެއްވި ހިސާބުގައިވެސް ހުރިކަމަކަށް ނުވެއެވެ. ގަނޫނީ ވަކީލެއްގެ ގޮތުގައި އޭނާގެ ނަންދަންނަ މީހަކު ހުރިކަމަކަށް ނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހުއްޓާ ކުއްލިއަކަށް އެއްބަޑު އެއްބަފާ ބޭބެ މަރުވުންވީ އޭނާގެ ގައި ނަސީބަށެވެ. ދެނަކާ ދެނެއް ނެތެވެ. ބޭބެގެ ގައިހުރި ހުރިހާ މަޝްހޫރުކަމަކާއި މަގުބޫލު ކަމަކާއި ސިޔާސީ ބުރަދަނެއް ގަޔަށް މަހާލިއެވެ.
ބޭބެ ނިޔާވުމުން ދާއިރާއިން ހުސްވި މަޖިލީސް ގޮނޑި ކާމިޔާބުކުރުމަށް ޕީޕީއެމުން ނެރެން އެވަރުގެ މީހަކު ހުރިކަމަކަށް ނުވިއެވެ. ހަންދަރުދީގެ ވޯޓުން ބައި އިލެކްޝަން އޭނާއަށް ކާމިޔާބު ކުރެވޭނެކަމަށް ދެއްކި ހުވަފެން އެފަހަރުވީ ބިލާހަކަށެވެ. މާ ހިތްތިރި މައިތިރި މީހެއްކަމަށް ދެއްކިގެން މީހުން ގެ ލޮލުގައި އަނދުން އަޅުވައިގެން އެއުޅުނީ މިދުވަސް ހޯދަންކަން ބަޔަކަށް ފަހަރުގައި ނޭނގިދާނެއެވެ. 
ލަނޑަޔާ ވާނީ ލަނޑަޔާތާއެވެ. ދެފުށް ދެގޮތްކަމުގައި މުއިއްޒަށް އެންމެ ފުކެއްވެސް މަމޮޅު ރިޒާ ދުލެއް ނުކުރެއެވެ. ޔާމީނު ގައިގައި ކޮޅުފައިން ޖަހާފައި އެއްބަޑު އެއްބަފާ ބޭބެގެ ހިޔަނީގައި މުއިއްޒު ގައިގާ ތަތްކޮށްލީ އައްޓަމަހެއް ހެންނެވެ. 
ރިޝްވަތުގެ ހުތުރު ފައިސާއާއި ބޭބެގެ ލެގަސީގައި އަމިއްލަ ބާރެއްނެތި ދާއިރާގެ މެންބަރުކަން ހޯދައިގެން މުއިއްޒުގެ ކޮނޑަށް ސަވާރުވެ އެ އިނީ ދީވަލްޕާ ހެދިފައެވެ. ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ރައީސްކަން ކުރަންވެސް އެވަރުގެ މީހަކު ހުރިކަމަކަށް ނުވިއެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށްވެސް އޭނާ ވަރުގެ މީހަކު ނެތެވެ. 
މުއިއްޒު ބޭނުންވާ ގޮތަށް ރާއްޖޭގެ ފަނޑިޔާރުގެ ފުނޑާލަދެނީ ގާނޫނީ އެއްވެސް ތަޖުރިބާއެއް ހަމައެއް ލަމައެއްނެތް މަމޮޅު ރިޒާއެވެ. ރާއްޖޭގެ ނޫސްވެރިކަން ކޮންޓްރޯލްކޮށް ރައްޔިތުންގެ އަނގަ ބަންދު ކުރުމަށް މުއިއްޒަށް ފޫގަޅާދީގެން އެހުރީ ހަމަ އެ މަމޮޅު ރިޒާއެވެ. މާ މަޑުމައިތިރި ހިތްތިރި މީހެއްކަން ދައްކައިގެންހުރެ މުޅި ރާއްޖޭގެ ގާނޫނީ އޮނިގަނޑާއި ދުސްތޫރީ ނިޒާމު މުއިއްޒުގެ ގޮށްމުށުގެ ތެރެއަށް ވައްދާ ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ގުރައިދޫ މަމޮޅު ރިޒާ ނޫން ދެވަނަ މީހެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ