ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ތިން ބޯޓު އެމްއެންޑީއެފް އިން އަތުލައިގެންފި

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ތިން ބޯޓެއް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑުން އަތުލައިގެންފިއެވެ.
މި ބޯޓުތައް ހިފެހެއްޓީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގާ ޕެޓްރޯލް މަސައްކަތުގެ ތެރެއިންނެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ފާހަގަކުރެވުމާ ގުޅިގެން، އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަން ބޭނުންކޮށްގެން އެ ބޯޓް ވަނީ އިންޓަސެޕްޓްކޮށް، އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި ބޯޓު އަތުލައިގަތީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މީގެ އިތުރުން، ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓު ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހިފަހައްޓާފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ދެ ބޯޓު ހިފެހެއްޓީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު، ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މިއީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ސްރީލަންކާގެ ދެ މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ބޯޓުތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ