އަބްދުﷲ އިބްރާހީމްގެ އިހްމާލެއް ނެތް: އެމްއެންޑީއެފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އޭރު ރައީސް ސޯލިހްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އިބްރާހީމްގެ އެއްވެސް އިހްމާލެއް ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އަބްދުﷲ އިބްރާހީމަށް މިދިޔަ މާޗް 21 ވަނަ ދުވަހު ފިޔަވަޅު އެޅިއިރު އޭނާ ހުންނެވީ ކާނަލް ރޭންކްގަ އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ބްރިގޭޑިއާ ޖެނަރަލް ރޭންކްގަ އެވެ.
ސިފައިންގެއިން ނެރުނު ބަޔާނެއްގައި މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅި މައްސަލައިގައި އަބްދުﷲ އިބްރާހިމްގެ އިހްމާލެއް ނެތް ކަމަށް ބުނެފައި މިވަނީ އެ މައްސަލަ ފެންމަތިވި ފަހުން އޭނާ ސަސްޕެންޑްކޮށްފައި ވަނިކޮށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ޝާއިއުކުރި ހަބަރުތަކަކާ ގުޅިގެންނެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އަބްދުﷲ އިބްރާހީމް ސަސްޕެންޑް ކުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާތީ އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލަ އާއި ގުޅިގެން އަބްދުﷲ އިބްރާހީމް ސަސްޕެންޑް ކުރި ކަމަށް އެއްވެސް އިރަކު ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ބެލުމަށްޓަކައި ސިފައިންގޭގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާއި އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރި ކުރެވުނު ކަމަށް ބުނެފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
"މިއީ ސިފައިންގެ ވަޒީފާއާއި ބެހޭ ގަވައިދުގެ ދަށުން ސިފައިންގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުން، މިމާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއް ނޫން ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ސިފައިންގޭގައި ދިމާވާ ކަމަކުން ކޮމާންޑަރުން އަދާކުރައްވާ ޒިންމާ އާއި މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރި ކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފުވެރިކަމާ އެކު ހިންގުމަށް ކަމަށެވެ.
"އަދި މިމައްސަލަ ބެލިބެލުމުން ކޮމާންޑިން އޮފިސަރުގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމުގައި ދަންނަވަމެވެ." އަބްދުﷲ އިބްރާހީމްގެ މައްސަލަ ނިންމި ގޮތް ހާމަކޮށް ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.
ރައީސްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން، ދެކުނުން އިރަށް ދުއްވާފައި ދެވޭ ގޮތް ނުވުމުން ރައީސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ޕްރެޒިޑެންސަލް ގާޑްސްގެ ބޭފުޅުން ވަނީ ގާތްގަނޑަކަށް 15 މިނެޓް ފަހުން ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ