'ސީ ލައިފު' ފުލެޓްތަކުގެ މައްސަލާގައި ސަރުކާރުން ކޯޓު އަމުރާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ބުނެ އިހްތިޖާޖަށް!

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އަޅަން އުޅުނު ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބަދަލު ނުދޭ ކަމަށާ، އަދި އެ މައްސަލަ އާއި ގުޅިގެން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ސަރުކާރުން ޢަމަލު ނުކުރާ ކަމަށް ބުނެ އޭގެ ތެރެއިން ބަޔަކު އިހްތިޖާޖަށް ނުކުމެއްޖެ އެވެ.
2016ގައި ސީލައިފުން އިއުލާންކުރި މަޝްރޫއުން ފްލެޓް ގަތުމަށް 280 މީހަކު ބުކިން ފީގެ ގޮތުގައި 50،000ރ.ގެ ރޭޓުން 14 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ސީލައިފަށް ދެއްކި އެވެ.
ގިނަ އަދަދެއްގެ މީހުން ސީލައިފުން ފްލެޓު ގަނެ، ފައިސާ ދެއްކި ފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފަ އެވެ. ދެއްކި ފައިސާ އަނބުރާ ނުދިނުމާއި އޮޅުވާލުންތަކެއް އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ބަދަލު ހޯދަން ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ކޯޓުން ބޭރުން މައްސަލަ ނިންމީ އާބަންކޯއިން އެ ފަރާތްތަކަށް ބަދަލު ދޭ ގޮތަށެވެ.
Advertisement
އެގޮތުން އާބަންކޯއާއި ސަރުކާރާއި އެމީހުންނާއި އެކު ވެވުނު ސެޓްލްމެންޓު އެއްބަސްވުމުގެ ވަނީ:
1) ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފަރާތްތަކުން ދެއްކި ފައިސާއާ އެއްވަރުގެ އަދަދެއް ދިނުން. 
2) ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން  ސީލައިފް ކުންފުނިން އެ ފަރާތްތަކަށް އެޕާޓްމެންޓް ވިއްކި އަގަށް ވުރެ ބޮޑު ނުވާވަރަށް، ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ބޯހިޔާވަހިކަން ހަމަޖައްސައިދިނުން
ސެޓްލްމަންޓް އެއްބަސްވުމުގައި މިފަދައިން ވާ ނަމަވެސް، ސަރުކާރުން އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާ ކަމަށް މިއަދުގެ އިހްތިޖާޖުގެ ބައިވެރިން ބުނެއެވެ. އެގޮތުން ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފަރާތްތަކުން ދެއްކި ފައިސާއާ އެއްވަރުގެ ފައިސާ ސަރުކާރުން ދީފައި ވީ ނަމަވެސް، އެއްބަސްވި ގޮތަށް، ސަރުކާރުގެ ހައުސިންގ މަޝްރޫއަކުން ޖާގަދީފައި ނުވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. 
އަދި ވިނަރެސް ފުލެޓްތަކުން ފުލެޓް ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ނަމަވެސް، އެ ފުލުޓްތައް ސީ ލައިފް އިން އަޅަން ބުނި ފުލެޓް ތަކަށްވުރެ އަގު ބޮޑުކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން، އެއީ ސަރުކާރުން އެއްބަސްވި އެއްބަސްވުމާއި ޚިލާފް ކަމެއް ކަމަށް އެފަރާތުން ބުނެއެވެ. 
މީގެ އިތުރުން، ސީ ލައިފް ގެ ފުލެޓްތައް އަޅަން ނިންމޮ ސަރަހައްދާއި، ވިނަރެސް ހުންނަ ސަރަހައްދަކީ ތަފާތު ދެ ސަރަހައްދެއް ކަމަށްވާއިރު، ސީލައިފް ގެ ފުލެޓްތަށް އަޅަން ނިންމި ސަރަހައްދަކީ ހުރިހާ ގޮތަކުންވެސް ޚިދުމަތްތައް އަތްފޯރާ ހިސާބުގައި ހުރި ސަރަހައްދެކެވެ. މިނޫންވެސް، އެތައް ސަބަބުތަކެއް، ހުރުމުން އިހްތިޖާޖުގެ ބައިވެރިންވަނީ، ސަރުކާރުން އެމީހުންނާއިއެކު އެއްބަސްވި ގޮތާއި އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ. 
މީގެ ކުރިންވެސް ސީލައިފް ކުންފުނީގެ ފުލެޓްތަކުގެ މައްސަލާގައި ގެއްލުންވި ފަރާތްތަކުން، އެފަރާތްތަކާއިއެކު ސަރުކާރުންވި އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ އިހްތިޖާޖު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ