ޖަލު ހުކުމާއި އެކު ގެއްލުނު ގޮނޑީގެ ބަދަލު ހޯދަން ނާޒިމް މިފަހަރު ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން މަޖިލީސް ގޮނޑި ގެއްލުނު މައްސަލައިގައި ބަދަލު ހޯދުމަށް  އަނެއްކާވެސް ކޯޓަށް ހުށަހަޅައިފިއެވެ.
މިފަހަރު ނާޒިމް ވަނީ ގެއްލުނު ގޮނޑީގެ ބަދަލު ހޯދުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.
ބަދަލު ހޯދަން ނާޒިމް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރައްވަމުން ދަނިކޮށް ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ގޮނޑި ގެއްލުނީ 2015 ވަނަ އަހަރެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް އެ ހުކުމް ރިވިއު ކޮށްދިނުމަށް  އެދި ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން 13 ޑިސެމްބަރު 2018 ގައި އެ ކޯޓުން ވަނީ އެ މައްސަލަ ބެލުމަށް ފަހު ހުކުމް ބާތިލުކޮށް ނާޒިމް މިނިވަން ކޮށްފައެވެ.  އަދި ނާޒިމް ވަނީ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް އޭރު އެ މައްސަލަ ހުށަހަޅުއްވާފައެވެ.  އެހެންނަމަވެސް އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމުން ނާޒިމް ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް އޭރު ހައިކޯޓުން ނިންމެވީ އެ މައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާ އަމަލު ކުރެއްވި ގޮތުގައި މައްސަލައެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ