ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި

ހޮނިހިރުދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގުރައިދޫ ދާއިރާގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ. އަދި ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުސެން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ.
މީގެ އިތުރުން އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ގުރައިދޫ ސުކޫލުގެ ކުރީގެ ލީޑިން ޓީޗަރު، އަލީ އަރީފަށް 122 ވޯޓު ލިބުނުއިރު އެއީ ވޯޓުލީ މީހުންގެ 4.53 އިންސައްތައެވެ.
އިލެކްޝަން ކޮމިޝަނުގެ ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3423 މީހުންނަށް ލިބިފައިވާއިރު އޭގެތެރެއިން 2755 މީހުންވަނީ ވޯޓުލާފައެވެ. އެއީ 80.48 އިންސައްތައެވެ.
ސައްހަ ވޯޓުގެ ގޮތުގައި 2694 ވޯޓު ގުނާފައިވާއިރު ވބާތިލު ވޯޓުގެ ގޮތުގައި 61 ވޯޓުވަނީ ގުނާފައެވެ.
އެހެންކަމުން ވަގުތީ ނަތީޖާއާއި އެއްގޮތައް އިންތިޚާބުގެ ދާއިމީ ނަތީޖާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާ މެންބަރު ކަމުގެ މަޤާމަށް ޤާނޫނީ ހަމަތަކުގެ މަތިން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އިންތިޚާބުވެފައިވާކަން އިލެކްޝަން ކޮމިޝަނުންވަނީ އިއުލާނުކޮށްފައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ