އަރަބިއްޔާ ކުދިންގެ މޫނު ބުރުގާ ނެގުވުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިން

އަރަބިއްޔާ ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން އުނގެނުމުން މަހުރޫމުކުރާތީ، އެކަން އެގޮތަށް ކުރުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރު ނެރެދެވެން ނެތްކަމަށް އެ ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ލޯފާމެއް ކަމަށްވާ ރެހެންދި ޗެމްބާސްއިންނެވެ.
ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއިމެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫ އަރަމުންދާތީއާއިވެސް އެކުގައި މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން މޫނުބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނަށް ސުކޫލަށް ހާޒިރު ނުވެވޭފަދަ އެއްވެސްކަމެއް ނުކުރުމަށް ދައުލަތާއި ތައުލީމީ ވުޒާރާގެ މައްޗަށާއި މީގެ އިތުރުން އަރަބިއްޔާ ސުކޫލުގެ މެނޭޖުމަންޓްގެ މައްޗަށްވެސް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ އެދިފައިވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ނިންމެވި ނިންމުމުގައި ވިދާޅުވެފައިވަނީ، މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް، ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ. މި ނޫން ވެސް އިތުރު އެތައް ނުކުތާތަކެއް ޤާޒީ ފާހަގަކޮށްފައިވެއެވެ.
އޭގެތެރޭގައި، ދައުލަތުގެ ފަރާތުން (އެޑިއުކޭޝަން މިނިސްޓްރީން)، އެ މިނިސްޓްރީން ދަރިވަރުންގެ ތައުލީމަށް ހުރަސްއެޅޭނެ އެއްވެސް އެންގުމެއް އަންގާފައި ނުވާކަން މިނިސްޓްރީގެ ފަރާތުން ފާހަގަކޮށްފައިވާކަން، ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅައިގެން ކިޔަވަމުންގެންދާ ދަރިވަރުން ލައްވައި ގަދަކަމުން މޫނު ނަގުވައި ތަކުރާރުކޮށް އެ ކުދިން ތަފާތުކުރާ މައްސަލަ އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން ޖެންޑާ މިނިސްޓްރީއަށްވެސް ހުށަހަޅާފައިވެއެވެ.
މި ސަރުކާރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިހުމާލުވެ، ތަފާތުކުރާ ކަމުގެ ތުހުމަތު އެ ދަރިވަރުންގެ ބެލެނިވެރިން އަންނަނީ ކުރަމުންނެވެ. މޫނުބުރުގާ އެޅުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެމަތީން އެ ސްކޫލުން ދަރިވަރުންނަށް އަންގާފައިވާކަމަށް އަރަބިއްޔާގެ ބެލެނިވެރިން ބުނަމުން އަންނައިރު، އެ ދަރިވަރުންނަށް ދާއިމީ ބޯހިޔާވަހިކަމެއްގެ ދަށުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތުން މަހުރޫމުވެފައިވާތާ ވެސް ދުވަސްތަކެއް މިވަނީ ފާއިތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ