އެމްއެންޕީގެ ވެރިކަމެއްގައި އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދޭނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ކަނޑާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް އިއްޔެ ދަތުރުކުރަމުންދިޔަ ''އާލާ'' ބޯޓަށް ރާޅެއް އަރައި ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވަމުންނެވެ.
މި ހާދިސާއަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ، މިކަހަލަ ހިތާމަވެރި ހާދިސާތަކުން، ގެއްލިގެން ދަނީ އާއިލާތަކުގެ މުޅި ދިރިއުޅުން ކަމަށާއި، އަދި ރަށްރަށަށް މުދާ އުފުލުމުގެ އިންތިޒާމް ކަމަށެވެ.
''އިންޝުއަރެންސް ޔަގީންކުރެވޭނޭ ފަސޭހަގޮތްތަކެއް ހަމަޖައްސަންޖެހޭ. އެމްއެންޕީގެ ވެރިކަމެއްގައި ކަނޑުގެ އުޅަނދުފަހަރާއި އެއްގަމު އުޅަނދުފަހަރު އިންޝުއަރ ކުރެވޭނޭ އަގުހެޔޮ ގޮތްތަކެއް ހަމަޖައްސައިދޭނަން'' ނާޒިމް ވިދާޅުވެފަވެއެވެ.
''އާލާ'' ބޯޓަށް ރާޅެއް އަރައި އެއްކޮށް އަޑިއަށް ގޮސްފައި ވަނީ އިއްޔެ ހެނދުނު 08:42 ހާއިރު އެވެ. މި ބޯޓު އަޑިއަށް ގޮސްފައި ވަނީ އޭދަފުއްޓާ ގާތްގަނޑަކަށް 1 މޭލު ބޭރުންނެވެ.
މި ބޯޓަކީ 13 މިލިއަން ރުފިޔާގެ އުޅަނދެއް ކަމަށް އެ ބޯޓުގެ ވެރިފަރާތަކުން ބައެއް މީޑިއާތަކަށް ބުނެފަވެއެވެ. މި ބޯޓު އަޑިއަށް ދިޔައިރު އެތައް ރަށަކުން އެތައް ބައެއްގެ ގިނަ އަދަދެއްގެ މުދާ ވެސް ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ