ކޮމިއުނިޓީ ޕޮލިސިންގގެ ޚިދުމަތްދިނުމަކީ ފުލުހުންނަށް ލާޒިމުކުރާ ކަމެއް: ސީޕީ ހަމީދު

ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މ. މަޑުއްވަރީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިދެއްވާ ވާހަކަ ދައްކަވަމުން ސީޕީ ވަނީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ.
އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާ ކަމަށެވެ.
ހަމައެއާއެކު ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާ އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ޚިދުމަތް ދިނުމަކީ ހަރަދުބޮޑު ކަމެއް ކަމަށާއި ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދީ ތަރައްގީ ކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މުލަކަތޮޅު ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ