ޢިބްރަތްތެރި ވާހަކަ: ދުޢާކުރާތާ ބާރަ އަހަރުފަހުން ލިބުނު ފިރިމީހާ ރަނގަޅުކަމުން ބާރަ އަހަރު ދުޢާކުރެވުނުކަން ހަނދާން ނެތުނު އަންހެނެއްގެ ވާހަކަ-

އަހުރެން މިރޭ ފުރަތަމަ ބަހެއް ބުނެލަން ބޭނުންވަނީ ޙަޔާތަށް ރަނގަޅު ބައިވެރިއަކު ލިބުން ލަސްވާތީ ކަންބޮޑުވެފައިތިބި މީހުންނަށެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ. ސަބަބަކީ ބޭނުންވގެން ހޯދަން މަސައްކަތްކުރި ބައިވެރިޔާ ނުލިބުމުން އެންމެ ބޮޑަށް ހިތާމަކުރަނީ އަންހެނުން ކަމުގައިވާތީއެވެ.  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ރަނގަޅު ބައިވެރިއަކު ނުވަތަ ތިބާ ބޭނުންވާ މީހާ ތިބާއަށް ދެއްވެވުން އެދި ދުޢާކުރާތާ 3،4،5 ވަނަ ރޯދަމަސް ކަމަށްވެސް ވެދާނެއެވެ. އަދި އެއަށްވުރެ ގިންދުވަސްވެސްވެދާނެއެވެ. އެކަމަކުވެސް ދުޢާކުރުން ހުއްޓައިނުލާށެވެ! ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ.  
ލަސްވާ ސަބަބަކީ ތިބާއަށް މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތީކަން ޔަޤީންކުރާށެވެ. އެކަން އެނގިގެންދާ ކުޑަކުޑަ ވާހަކައެއްވެސް ކިޔައިދޭނަމެވެ.  
އަންހެނަކު ބުނީ ސްކޫލް އިރުންސުރެ އޭނާ ހުރީ ޒުވާނަކުދެކެ ލޯބިވެގެން ކަމަށެވެ. އޭނާ ދެއްވެވުން އެދި ދުޢާކުރަމުން ދަނިކޮށް އޭނާ އެހެން މީހަކާއި ކައިވެނިކުރުމުން ދެން އެންމެ ލޯބިވާ މީހާ ދެއްވެވުން އެދި ދުޢާކުރަމުންދަނިކޮށް އޭނާވެސް އެހެން މީހަކާއި ކައިވެނިކުރީކަމަށެވެ. އެހިސާބުން 3 ވަނަ މީހާ ދެއްވެވުން އެދި ދުޢާކުރަމުންދަނިކޮށް އޭނާއަށް ވީގޮތެއްވެސް ނުއެނގި ގެއްލުނީކަމަށެވެ. އަދި މި 3 މަރުޙަލާގައި 10 އަހަރު ހޭދަވިކަމަށެވެ.  
އެހިސާބުން ދެން ދުޢާކުރީ ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެންނެވެ. އެގޮތަށް ދުޢާކުރާތާ 4 ވަނަ އަހަރު ބައިވެރިއަކު ދެއްވެވި ކަމަށެވެ. އަދި އޭނާވީ ވަރަށް ރަނގަޅު މީހަކަށް ކަމަށެވެ.  
"އޭނާވީ ވަރަށް ބޮޑު ތަޤްވާވެރިއަކަށް! އެއީ ވަރަށް ހިތްހެޔޮވެސް މީހެއް! ތެދުވެރިއެއް! އަޅައިލާ މީހެއް! ކައިވެންޏަށް މިހާރު 30 އަހަރުވެއްޖެ! އެކަމަކު ހަމަ އެއްވެސް ބަދަލެއް ނާދޭ! ކައިވެނީގައި 8 ދަރިން ލިބި ކާފަމާމަކިޔާ 16 ކުދިން މިހާރުވެސް އެބަތިބި!" ކަމަށް އޭނާ ބުނެއެވެ.
ވިސްނައިލާށެވެ! އޭނާ އެވަނީ ދުޢާކުރުމުގައި 12 އަހަރު ހޭދަކޮށްފައެވެ. އެކަމަކުވެސް އޭނާ ބުނިބަސް އެނގޭހެއްޔެވެ؟ އޭނާ ބުނީ "އެހައި ރަނގަޅު ފިރިއަކު ލިބުމުން ދުޢާކުރުމުގައި 12 އަހަރު ހޭދަކުރެވުނުކަން ހަނދާނުންވެސް ފުހެވިއްޖެ!" ކަމަށެވެ.  
މިފަދަ ވާހަކަތައް ކިޔައިދިން އެތައް ބައަކާއި ވަނީ ބައްދަލުވެފައެވެ. ވީމާ މާޔޫސްނުވުމަށާއި ދުޢާކުރުންމަތީގައި ދެމިތިބުމަށާއި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކުރުން މަތީީގައި ތިބުމަށް މިބުނަނީ އެހެންވެގެންނެވެ.  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ