މިހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަހަކީ، މާލޭގައި އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސްކަމުގައި ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމަށް ކަމުގެ މާހިރުން ބުނަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ، މިހާތަނަށް މާލެ ސަރަހައްދުގައި އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިއަށްވުރެ ވެސް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއަކީ، 120 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރި ކުންފުންޏެއް ނަމަވެސް، މި ދަނޑިވަޅުގައި ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް ޝަރީފް ވިދާޅުވެފައިވާއިރު، މި ހިނގާ އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ބުނެފައެވެ. މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށް ވާއިރު ކޮންމެ ދުވަހަކު ވެސް އެންމެ ހޫނުގަދަވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފިހުން ބުނެއެވެ.
ހޫނުގަދަވާން ދިމާވާ ސަބަބަކީ މިދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވުމުން ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އިހުސާސް ކުރެވޭނެކަމަށް އެ އިދާރާއިން އަންދާޒާކޮށްފައިވެއެވެ.
މިމަހު 11 އަކީ މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ