ނަން ވާނީ މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އަޅުގަނޑު ވޯޓް ދިން ގޮތަކާ ބެހޭ ގޮތުން، އަޅުގަނޑުގެ ވެރިއަކު ސުވާލު ކުރި އެވެ. ދެ ވަނައަށް ކުރިމަތި ކުރުވި ސުވާލަކީ އަޅުގަނޑު ކޮފީއަށް އަރާ ގްރޫޕާ ބެހޭ ގޮތުންނެވެ. އެކަން ކަމަކީ ސީދާ މައުމޫންގެ އިރުޝާދުގެ ދަށުން ހިނގަމުން ދިޔަ ކަންކަމެކޭ ދަންނަވާކަށް ނެތީމެވެ. އަދި އެ މައްސަލަތައް އުފެއްދެވި ބައެއް ބޭފުޅުން މިހާރު ދުނިޔެ ދޫކުރައްވާފައި ވާތީ، އެ ވާހަކަތައް އިތުރަށް ދައްކާކަށް ވެސް ނެތީމެވެ.
އަޅުގަނޑު ހިތުން އެ ތާރީހު ފަސްދީ، 2008 ވަނަ އަހަރަށް ފަހު އަޅުގަނޑުމެން މި ތިބީ އާ ސޮފުހާއެއް ހުޅުވައިގެންނެވެ. އެ އާދަ އަލުން ތަކުރާރު ނުކުރުމަށެވެ. ނަމަވެސް، މި ފަހުން ހިނގައި ދިޔަ ދެތިން ކަމަކާ ބެހޭ ގޮތުން އަޅުގަނޑުގެ ބޮލުގައި ރިއްސި އެވެ. އަދި އެކަންކަން ބަލައިގަތުމަށް އުނދަގޫވި އެވެ. 
ފުރަތަމަ ކަމަށް އަޅުގަނޑުގެ އަޅައިގަތީ މައުމޫންގެ އެމްއާރުއެމް އުވާލުމާ އެވެ. އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް އުވާލީ، ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ދެ ވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައި އެ މަނިކުފާނާ ބައިއަތު ހިފުމަށް މައުމޫންގެ ޕާޓީއަށް ދިން ދައުވަތަށް އެ ޕާޓީން ބޯ ނުލެނބިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އެމްއާރުއެމްގެ ތުހުމަތަކީ އެ މައްސަލައިގެ ތެރެއަށް ސަރުކާރުން 'އަތް ބާނައިގެން' އެ ޕާޓީ އުވާލި ކަމުގެ ތުހުމަތެވެ. އަދި ބުނީ އެ ޕާޓީ އުވާލުމުން ކޮރަޕްޝަން އޮތް ވަރާއި ގާނޫނީ ވެރިކަން ނުހިނގާ މިންވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަނީ، އެ ޕާޓީއެއްގައި މަދުވެގެން 3،000 މީހުން ހަމަވާ ޕާޓީތަކެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި، އެމްއާރުއެމް އުވާލީ 3،000 މީހުން ހަމަކުރުމަށް ދިން ފުރުސަތުގައި އެ އަދަދަށް މެމްބަރުން ހަމަނުކުރެވުނު ކަމަށް ބުނެ އެވެ.
ނަމަވެސް، އެކަން އެމްއާރުއެމް އިން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން ބުނަނީ އެ އަދަދަށް މެންބަރުން ހަމަކުރުމަށް ފޯމް ހުށަހެޅި ކަމަށާއި ފޯމްތައް ބާތިލުކުރީ ރަނގަޅަށް ނޫން ކަމަށެވެ.
އެމްއާރުއެމް އުވާލި އިރު، އިލެކްޝަންސް ކޮމިޝަނުން ފޯމްތައް ބަލައިގަތުމަށް، މަންމަގެ އައިޑީގެ މައުލޫމާތު ހިމަނަން ޖެހެ އެވެ. ނަމަވެސް، އެ ކޮމިޝަނުން ފަހުން ވަނީ އެ އުސޫލު ބަދަލުކޮށް މަންމަގެ އައިޑީގެ މައުލޫމާތު ހާމަކުރުމަކީ އިހްތިޔާރީ ކަމަކަށް ހަދައިފަ އެވެ. ތެދެކެވެ؛ އެމްއާރުއެމްގެ ފޯމްތައް ބާތިލުކުރީ ފޯމްތަކުގައި މަންމަގެ މައުލޫމާތު ނެތިގެން ކަމަކަށް ސީދާ ނުބުނެ އެވެ. ނަމަވެސް، ސުވާލަކީ އިލްކްޝަންސް ކޮމިޝަނުން އެމްއާރުއެމް އިން ހުށަހެޅި 140 މީހުންގެ ފޯމް ބާތިލު ކުރީ ކޮން އުސޫލަކަށް ބަލައިގެންތޯ އެވެ؟ އެހެން މިދެންނެވީ ކުރިން އޮތް އުސޫލުގެ ދަށުން އެ ފޯމްތައް ބާތިލުކޮށް ޕާޓީ އުވާލި އިރު، އެ ޕާޓީގެ ހައްގު ގޮސް މި ޖެހުނީ ކޮންތާކުތޯ އެވެ؟
އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ގޮތުގައި، ޕާޓީތަކަށް ފޯމް ނުފުރާ މީސްމީހުން އެކިއެކި ޕާޓީތަކަށް ވެއްދުމުގައި، އިލެކްޝަންސް ކޮމިޝަނަށް އެކަން ރަނގަޅަށް ނުބެލޭ ކަމީ އެންމެން ދަންނަ ބޮޑު ހަގީގަތެކެވެ. އަދި އެއީ އަޑި ނޭނގޭ ބޮޑު ހާއްޔެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ދެވަނައަށް އަޅުގަނޑު ކަންބޮޑުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ކޯޓުތަކުގެ ތިން މަރުހަލާ ނިމި ލިބިފައި އޮތް ވާވެއްދި ފަޅު ވިއްކާލުމަށް އެ ކުންފުނިން އެދުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ދޭތެރެއަށް ވަދެ، އެކަން ހުއްޓުވި މައްސަލަ އެވެ. އޭގެ ކުރިން އެ ނޫނަސް އެ ކުންފުންޏަށް ސަރުކާރުގެ ތެރެއިން ތަފާތު ޖެއްސުން ކުރާ ކަމުގެ ތުހުމަތު ގާސިމް ވަނީ މީޑިއާގައި އުފުއްލަވައިފަ އެވެ.
އެ ހުރަސްތައް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ކުރިމަތި ކުރުވި އިރު، ގާސިމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރެއްވުމަށް ނިންމަވައިފަ އެވެ. އަދި އެމްއާރުއެމް އުވާލުމާއި އެކަން ވެސް މި ވަނީ އިއްތިފާގުވެފަ އެވެ.
އެ ދެ ހާދިސާގެ އިތުރަށް އެމްޑީޕީގެ ހަރުގެ މައްޗަށް ވެރިވެގަތުމަށް އެ ޕާޓީން ކުރި މަސައްކަތަކީ ވެސް ނާތަހުޒީބީ އަމަލެކެވެ. އެހެނީ، އެއްބަސްވުން ހަމަވެ، އެ ގޭގެ ވެރިފަރާތުން އެ ތަން ހުސްކުރުމަށް އަންގައި ދިން ނޯޓިސްގެ މުއްދަތު ހަމަވުން ވެސް އެ ތަނުގެ މައްޗަށް ވެރިވެގަތުމަށް ކޯޓަށް ގޮސްގެން އުޅެގަތް ގޮތަކީ ހުތުރު ސިފަ އެކެވެ. އެއީ ވެސް ކުރީގެ މާޒީގެ ސިފަ އެކެވެ.
ކުރިން ދެންނެވި ދެ ހާދިސާ ހިނގުމުގެ ކުރިން ރައީސް އިބްރާހީމް މުހަންމަދު ސޯލިހު ފުރަތަމަ ވެސް ހިސާބު ޖެއްސެވީ، މިހާރު ވެސް ސަރުކާރުގެ ކޯލިޝަނުގައި ތިބި ޕާޓީތަކާ އެކު އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ނުކުމެވަޑައިގަތުމަށެވެ. ރައީސް ކިތަންމެ ވަރަކަށް ވެސް އެ މަގަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް، އެ ބޭފުޅުން ސަރުކާރުގެ ކޮޅަށް، ހާއްސަކޮށް އިންތިހާބުގެ ކުރީ ބުރުގައި ދީލާލުމަކަށް ބޭނުމެއް ނުވި އެވެ.
ޑިމޮކްރެސީގެ ރީތި އުސޫލަކީ، ހާއްސަކޮށް އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރުމެވެ. އަދި ކޯލިޝަން ހައްދަވައިގެން އިންތިހާބާ ކުރިމަތިލައްވަން ރައީސް މަސައްކަތް ފެއްޓެވި ހިސާބުން ވެސް، ޑިމޮކްރެސީއަށް ލޯބިކުރައްވާ ބައެއް ބޭފުޅުން އެކަމަށް ފާޑު ވިދާޅުވި އެވެ. އެ ބޭފުޅުން ވިދާޅުވީ އެއީ ރަނގަޅު އަސާސެއް ނޫން ކަމަށެވެ.
އެއީ ހަމަ ރަނގަޅު، ހެޔޮ ލަފާ ވާހަކަ އެކެވެ. އެހެނީ އެއިން ޕާޓީއަކަށް ސަރުކާރުގެ މަގާމުތައް ދޭނެ ވަރު ކަނޑައެޅޭނީ އެ ޕާޓީއެއްގެ ހަގީގީ 'ސައިޒު' ފެނިގެން ނޫންތޯ އެވެ. ޕާޓީއެއްގެ ހަގީގީ ސައިޒު އެނގޭނެ ގޮތަކީ އިންތިހާބެއްގައި ވާދަކޮށް ވޯޓު ލިބޭ ވަރެވެ. އަނެއް ގޮތަކީ، އެ ޕާޓީއެއްގެ ދަށުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުރި އަދަދެވެ. ސިޔާސީ ޕާޓީގެ ޒައިޒު ވެސް މި ނަން ވާނީ އެ މިންގަނޑުން ކަމަށް ގަބޫލު ކުރަމެވެ.
އަޅުގަނޑުގެ ނަޒަރުގައި މޫނަށް ބަލާފައި އަދާލަތު ޕާޓީ އާއި އަދި އެ ނޫނަސް ދެން ހުރި ޕާޓީތަކަށް ސަރުކާރުގެ މަގާމުތަކުގެ %20-30 ދިނުމަކީ އިންސާފެއް ނޫނެވެ.
ޑިމޮކްރެސީއެއްގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އުނދަގޫ ބޮޑު، ނުފޮރުއްޕާން ވެސް ބޮޑު ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވި ގޮތުގައި، ފޮށެން ވެސް ފޮށޭނެ އެވެ. ބަވަން ވެސް ބަވާނެ އެވެ. ނުފޮރުއްޕާން ވެސް ކުރާނެ އެވެ. ވެރިކަމާ ކުރިމަތިލާން ޖެހޭނީ އެފަދަ ކެރިފޯރުންތެރިކަން ހުރި ބޭފުޅެކެވެ. ހުރިހާ ކަމެއް ބާރުގެ ބޭނުންކޮށްގެން އަދި ބިރު ދައްކައިގެން ކުރުމުގެ ވިސްނުން ކުރިއަށް ނެރޭ ނަމަ އެއީ ޑިމޮކްރެޓިކް ވެރިކަމެއް ނޫނެވެ.
އަޅުގަނޑު ކުރިން ފާހަގަކުރި ދެ ހާދިސާ އިން ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަންކަމުގެ ތެރެއަށް އަތްބާނާ ވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވެ އެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށް ބީރައްޓެހި އުސޫލުތަކެކެވެ. ތިމާގެ ކުރިއެރުން ހޯދާނީ ދެން ހުންނަ މީހާގެ ކުރިމަގަށް ހުރަސްއަޅައި އަތް އަޅައިގެނެއް ނޫނެވެ. އަމިއްލި ކެރިފޯރުންތެރިކަން އިސްކޮށްގެނެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އެފަދަ އެތައް ކަމެއް އަދި ވެސް ފެންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް، އަޅުގަނޑު ދަންނަވާނީ އެއީ ކުރެވޭ ބޭކާރު ކަމެކެވެ. ރައްޔިތުން އެއަށް ވުރެ ހޭލުންތެރި އެވެ. ފެންނަ ފެނުމަށް އެ މީހުން ތިބީ ފެނަކައިގެ ތެރެއިން ދެވަނަ އެމްއެމްޕީއާރުސީއެއް އުފަން ކުރާ ގޮތަކަށް ނޫނެވެ. އަދި ކުޑަ ކާފު، ބޮޑު ކާފު އަލުން އަނބުރާ އިއާދަކުރުމަކަށް ވެސް ނޫނެވެ. ނަން ވާނީ މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ