ކުރިއަށް އޮތް ތަނުގައި އެމްޑީޕީން އަނެއްކާވެސް ރާއްޖެ ހަމަ މަގަށް އަޅުވާނެ: ފައްޔާޒް ކުރިއަށް އޮތް ތަނުގައި އެމްޑީޕީން އަނެއްކާވެސް ރާއްޖެ ހަމަ މަގަށް އަޅުވާނެ: ފައްޔާޒް

ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރާއްޖެ ހަމަ މަގަށް އަޅުވައި، ދިވެހިން އުންމީދުކުރާ ފަދަ ބޮޑެތި ބަދަލުތަކާ ދިމާލަށް މިސްރާބުކުރާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި ފައްޔާޒް ވިދާޅުވީ އަނެއްކާ ވެސް އެމްޑީޕީން ނިކުންނަނީ ރާއްޖޭގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލަން ގަދަކޮށް ތިބެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މިއޮތް ދިވެހިރާއްޖެ އަނެއްކާ ވެސް އެހެން ދިމާލަކަށް މިސްރާބު ބަދަލު ކުރުމަށް މި ނިކުންނަނީ އެކުގައި ގަދަކޮށް ތިބެ. ކުރިއަށް އޮތް ތަނުގައި ތިބޭފުޅުންނަށް ފެނިގެންދާނީ އެމްޑީޕީގެ މަސައްކަތުން އަނެއްކާ ވެސް ދިވެހިރާއްޖެ ހަމަ މަގަށް އަޅުވައި ދިވެހި ރައްޔިތުން އުންމީދުކުރައްވާފަދަ ބޮޑެތި ބަދަލުތަކާ ދިމާލަށް މި ގައުމު މިސްރާބުކުރާތަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ގިނަ ކަންތައްތަކާއި ކުރިމަތިލި ނަމަވެސް، ދިވެހިރާއްޖެއަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"އެމްޑީޕީއަށް ނޫނީ މި ގައުމުގައި ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ. އަޅުގަނޑުމެން މި ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ވަރަށް ބޮޑެތި ކަންތައްތަކާއި ކުރިމަތިލައިފިން. އަޅުގަނޑުމެންގެ ގައުމު ބަދަލުކުރުމުގަ އާއި ޕާޓީގެ އެތެރޭގައި އެތައް ކަހަލަ ކަންތައްތަކެއް ހިނގައިގެން ގޮސްފި،" އޭނާ ވިދާޅުވި އެވެ.
ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި އާންމު ރައްޔިތުންގެ ފޯކަސް ހުންނަނީ އެމްޑީޕީއާ ދިމާލަށްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އާންމު ދިވެހި ރައްޔިތުންގެ އުންމީދު އޮންނަނީ އެމްޑީޕީ އާއި ކުރިމަގާއި ގުޅިފައި ކަމަށެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ގެނެވުނު ބޮޑެތި ބަދަލުތައް ގެނެވުނީ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންގެ ބުރަ މަސައްކަތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ