ކޮންމެ ކަމަކަށް ބޭނުންވެގެންވެސް މިއިން ދުޢާއެއް ކޮށްފިނަމަ ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

ދުޢާކުރުމުގެ ވާހަކަ ދައްކާނަމަ ފުރަތަމަވެސް ވިސްނާލަން އޮތީ ދުޢާކުރުމުގެ ހުރި ގަދަފަދަ ބާރާއި ދުޢާކުރުމުގެ ހުރި މަތިވެރިކަމަށެވެ. ނިކަން ވިސްނައިލަބަލާށެވެ! ދުޢާ ކުރުމުން އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރު އެނގޭހެއްޔެވެ؟ ވަޙީ ކުރައްވަވާފައި ވަނީ ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށެވެ. އިޖާބަ ކުރައްވަވާނެ ކަމަށެވެ. ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަޤުތަކު ކުރިނަމަވެސްމެއެވެ. 
ކީރިތި ޤުރްޢާނުގައިވާ ދުޢާތައް ކުރަން ބައެއް މީހުން ފަސްޖެހެނީ އެމީހަކު ބޭނުންވެގެން އުޅޭކަންތަކުގެ ވާހަކަ އެދުޢާގައި ނެތުމުންނެވެ. އަހުރެން ބުނާނީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އެހެން މިބުނަނީ ޔޫނުސްގެފާނާއި އައްޔޫބްގެފާނު ކުރެއްވެވި ދުޢާގައި ވަކިކަމަކަށް އެދިވަޑައިގެންފައެއް ނެތެވެ. ނޭނުންވާ ކަންތައް އޮތީ އެބޭކަލުންގެ ހިތްޕުޅުގައެވެ. އެހެނަސް ދުޢާ ޢިޖާބަކުރެއްވެވިއެވެ. އެއީ ދުޢާކުރާ މީހާގެ ބޭނުން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. 
އެބިޔަ ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވި ދުޢާ:   
"އިނބަ ރަސްކަލާނގެ މެނުވީ އިލާހަކު ނެތެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ. ހަމަކަށަވަރުން އަނިޔާވެރިންގެތެރެއިން މިއަޅާވީމެވެ." (އަލްއަންބިޔާ: 87) 
މިދުޢާކުރެއްވެވުމުން ޔޫނުސްގެފާނުގެ ދުޢާ ޢިޖާބްކުރެއްވެވިކަން ޖެހިގެން އޮތް އާޔަތުން އެނގިގެންދެއެވެ.  
އައްޔޫބެގެފާނު ދުޢާކުރެއްވެވީ މިފަދައިންނެވެ. 
"ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫޖެހިއްޖެއެވެ. އަދި އިނބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ" (އަލްއަންބިޔާ: 83) 
އައްޔޫބްގެފާނު މިފަދައިން ދުޢާކުރެއްވެވުމުން ހަމަވަގުތުް ދުޢާ ޢިޖާބަކުރެއްވެވިކަން ޖެހިގެން އޮތް ޢާޔަތުން އެނގިގެންދެއެވެ. 
މިފަދައިން ދުޢާކުރުމުން އެމީހަކަށް ﷲ ތަޢާލާ މަގު ތަނަވަސްކޮށް ދެއްވަވާނެއެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. ކީރިތި ޤުރްއާނުގައެވެ. 
މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުމެވެ. ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ