ލަންކާގެ ރައީސްގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވައިފި

ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަ ޖާފަތެއް ދެއްވައިފި އެވެ.
ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ފުރަމާނަ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ފޮރިންގް އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު، ސްރީލަންކާއިން ދިވެރިހާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައި ކޮމިޝަނާ ތިމުތު ޑިސާނާއެކަގެ އިތުރުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ދިވެހިރާއްޖެއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ