ފޭސްބުކް މާކެޓްޕްލޭސްގައި ސްކޭމް ހިންގައިގެން 16،000 ރުފިޔާ ހޯދި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި, އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މައްސަލައިގައި އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ, ފުނޯސް، ޢަބްދުﷲ މިލްހާނު (33އ)އެވެ. ފުލުހުން ބުނީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. ހައްޔަރުކުރިއިރު އޭނާ ހުރީ މީދޫގައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ، ފުލުހަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މިލްހާނަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް އެ މީހުންނަށް ވެސް ފައިދާއެއްދީ، މި ސްކޭމްތަކުގައި ބައިވެރިކުރުވާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެފަދަ ތިން މައްސަލައެއްގައި 16،000 ރުފިޔާ މަކަރާއި ހީލަތުން އޭނާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް އިލްތިމާސްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ