އޭލެވެލް އިމްތިހާނުގެ އެންމެ މަތީ ނަތީޖާ ހޯދައިގެން ރައީސް ދެއްވާ ސްކޮލަޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުންގެ ތެރެއިން ގިނަ ކުދިން ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ ޔުނިވަސިޓީތަކުގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން މި ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ކެމްބްރިޖް ޔުނިވަސިޓީގެ އެޑްމިޝަން ތަޖުރިބާކާރުންނާ ގުޅިގެންނެވެ.
ތަފްސީލް - މި ދިރާސާގައި ބަލާފައިވަނީ:
2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ސްކޮލަޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާ
އެ ކުދިން ކިޔަވާ ޔުނިވަސިޓީ އާއި އެތަންތަނުގެ ރޭންކިން
އެލީޓް ޔުނިވަސިޓީތަކުން އެ ފަދަ ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތައް
ދިރާސާގައި ބުނެފައިވާ ގޮތުގައި، ރައީސްގެ ސްކޮލަޝިޕް ލިބިގެން 2023 ވަނަ އަހަރު ޓޮޕް ޓެންގެ ޔުނިވަސިޓީއެއްގައި ކިޔަވަން ފަށާފައިވަނީ އެންމެ ދަރިވަރެކެވެ. އެގޮތުން:
އެއީ ޕައިލެޓްކަން ކިޔަވާ ދަރިވަރެއް
ޔުނިވަސިޓީ ރޭންކިންގައި ގަދަ 10 އާއި ގަދަ 30އާ ދެމެދުގެ ޔުނިވަސިޓީއެއްގައި ކިޔަވަނީ އެންމެ ހަތަރު ދަރިވަރުން
ޔުނިވަސިޓީ ރޭންކިންގައި ގަދަ 100ގައި ލައްވާ ނުލާ ޔުނިވަސިޓީތަކުގައި ހަތަރު ދަރިވަރުން ކިޔަވަމުންދޭ
މީގެ ތެރެއިން ބައެއް ދަރިވަރުން ކިޔަވަމުންދަނީ ވެސް އެ ކުދިންނާ އެކަށީގެން ނުވާ ގައުމުތަކުގައި
އިނގިރޭސިވިލާތް ނަގާފައި ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންގެ އެންމެ މަގުބޫލު މަންޒިލަކީ މެލޭޝިޔާ
ހައި އެޗީވާސް އެވޯޑު ލިބުނު ދަރިވަރުންގެ ތެރެއިން ވެސް ގަދަ 20ގައި ހިމެނޭ އެއްވެސް ޔުނިވަސިޓީއަކު ދަރިވަރުން ނުކިޔަވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން:
ގަދަ 50ގައި ހިމެނޭ ޔުނިވަސިޓީތަކުގައި ކިޔަވަނީ އެންމެ ހަތަރު ދަރިވަރުން
39 ދަރިވަރުން ކިޔަވަނީ ގަދަ 100ގައި ވެސް ލައްވާ ނުލާ ޔުނިވަސިޓީތަކުގައި
ގަދަ 200ގައި ލައްވާ ނުލާ ޔުނިވަސިޓީތަކުގައި 11 ކުދިން ކިޔަވާ
ޔުނިވަސިޓީ ރޭންކިންއަށް އަރާ ވަރަށް ވުރެ ފެންވަރު ދަށް ދެ ތަނެއްގައި ވެސް ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ކިޔަވާ
އައިޖީއެސްއެސްގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ރިއްފަތު ވިދާޅުވީ މިދިޔަ ތިން އަހަރަށް ބެލިކަމުގައި ވިޔަސް ފެންނަނީ އެއްކަހަލަ ޕެޓާންއެއް ކަމަށާއި މޮޅެތި ކުދިން ފެންވަރު ދަށް ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށެވެ.
"މިކަން ބަދަލުކުރުމަށް، އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން،" ރިއްފަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ދަރިވަރުން މޮޅެތި ޔުނިވަސިޓީތަކުގައި ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖޭން ބޭރުން ކިޔަވައިގެން އެއް ވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ސަރުކާރުން ބަދަލު ކުރަން ޖެހޭ
ސްކޮލަޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވަސިޓީތަކުން ކިޔަވަން ޝަރުތު ކުރަން ޖެހޭ
ދަރިވަރުން ކޯޗުކޮށްދިނުމުގެ އިތުރުން، ސަރުކާރުގެ ޕޮލިސީއަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ
ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ކިޔަވަނީ ފެންވަރު ދަށް ޔުނިވަސިޓީތަކުގައި: އައިޖީއެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ