ރާއްޖެ ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރަކު ހޯދަނީ
ދިވެހި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރަކު ހޯދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އިއުލާނުކޮށްފިއެވެ. އެމްއެމްޕީއާރުސީން ކުރި އިއުލާނެއްގައި ވަނީ، މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ހުޅުވައިލި ފުރުސަތެއް ކަމަށެވެ. ވިޒިޓް މޯލްޑިވްސް ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ މަގުސަދަކީ އެކި ދާއިރާތަކުގެ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، ތަފާތު ފަންނީ އުފެއްދުންތައް ދައްކުވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކާއެކު މަސައްކަތްކޮށް ދިވެހި ސަޤާފަތާއި، ތަރިކައާއި، އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސަޑަރަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެމްއެމްޕީއާރުސީން ވަނީ އުފެއްދުންތެރި އަދި ޤައުމުގެ އަމިއްލަވަންތަކަމާއި، ސަޤާފަތާއި، ޤުދުރަތީ ރީތިކަން ތަމްސީލުކުރުމަށް ޝައުޤުވެރިވާ ހުރިހާ ދިވެހި ފަންނާނުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަންނާނުން، އެ ފަންނާނެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ޚިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް ވިޒިޓް މޯލްޑިވްސްގެ އީމެއިލްއަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފައެވެ. ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެދަރަކު ހޯދަން އިއުލާނުކޮސްފައި ވާއިރު، ދާދިފަހުން ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަނީ ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ