އައިއޯއެސް 26ގެ 'ލިކުއިޑް ގްލާސް'އާ ގުޅޭ ޝަކުވާތައް އަޑުއަހައި، ބީޓާ 3ގައި ބަދަލުތަކެއް

ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނި އެޕަލްއިން އައިފޯނަށް އަމާޒުކޮށްގެން އުފެއްދި އައިއޯއެސް 26ގެ ތިންވަނަ ބީޓާ ހޯމަ ދުވަހު އިތުރު ބަދަލުތަކާއެކު ރިލީޒްކޮށްފިއެވެ. މި އަޕްޑޭޓާއެކު، މިދިޔަ ޖޫން މަހު ތައާރަފުކުރި ޑިޒައިނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ސްޓޮކް ވޯލްޕޭޕަރުތަކަށް އިތުރު ކުލަތައް ހިމެނުމާއި، "ލިކުއިޑް ގްލާސް" އިންޓަފޭސްގެ ކުލަ އިހުނަށްވުރެ ގަދަކުރުން ފާހަގަކޮށްލެވެއެވެ. މި އަޕްޑޭޓްގައި ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ "ލިކުއިޑް ގްލާސް" ޔޫޒަ އިންޓަފޭސްއެވެ. މި އަހަރުގެ ޑަބްލިޔުޑަބްލިޔުޑީސީގައި ތައާރަފުކުރި މި ޑިޒައިނަކީ، ބިއްލޫރިއެކޭ އެއްގޮތް ކަންތައްތަކެއް، ފޯނުގެ އެޕްތަކާއި ކޮންޓްރޯލް ސެންޓަރާއި ހޯމް އަދި ލޮކް ސްކްރީނުން ދައްކުވައިދޭނެ މެޓީރިއަލްއެކެވެ. އެގޮތުން ވަށައިގެންވާ މާހައުލުގެ އަލިކަން ނުވަތަ އަނދިރިކަން ދެނެގަނެ، ކުލައަށް ބަދަލު އަންނާނެއެވެ. އައިއޯއެސް 26ގެ ފުރަތަމަ ބީޓާ އާއެކު މި ޑިޒައިން ޔޫޒަރުންނަށް ލިބުނުއިރު، ގިނަ ބަޔަކަށް ލިކުއިޑް ގްލާސް ކަމުގޮސްފައެއް ނުވެއެވެ. ބައެއް ޔޫޒަރުން ބުނިގޮތުގައި، އަލި ކުލައެއްގެ ވޯލްޕޭޕަރު ލީމާ ލިޔުންތައް ކިޔަން އުނދަގޫވާއިރު، އަނެއް ބަޔަކަށް އޭގެ ފެނުން އެއްގޮތަކަށްވެސް ކަމުނުދިޔައެވެ. މި ފާޑުކިޔުންތަކާ ގުޅިގެން އެޕަލްއިން ދަނީ ކޮންމެ ބީޓާ އަޕްޑޭޓެއްގައިވެސް މި ޑިޒައިނަށް ބަދަލު ގެންނަމުންނެވެ. އެގޮތުން، ބީޓާ 3 ގައި "ލިކުއިޑް ގްލާސް"ގެ ކުލަވަރު ކުޑަކޮށް ގަދަކޮށް، އަނދިރިކޮށްފައިވެއެވެ. މީގެ ސަބަބުން ސްކްރީނުގައި ހުންނަ ލިޔުންތައް ކިޔަން ފަސޭހަވާނެކަމަށް ބެލެވެއެވެ. މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވެނީ އެޕަލް މިއުޒިކް އަދި ޕޮޑްކާސްޓްސް ފަދަ އެޕްތަކުގެ މީޑިއާ ޕްލޭޔަރުންނެވެ. މީގެ އިތުރުން، ޔޫޒަރުންނަށް މިހާރު ސްޓޮކް ވޯލްޕޭޕަރުތަކުގެ ތެރެއިން އިޚްތިޔާރުކުރުމަށް އިތުރު ކުލަތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި "ޝެޑޯ"، "ސްކައި"، "ހޭލޯ"، އަދި "ޑަސްކް" ހިމެނެއެވެ. މި ހަތަރު ވޯލްޕޭޕަރުގެ ތަފާތު، ޑާކް މޯޑް ޖެއްސުމުން އިތުރަށް ފާހަގަވެއެވެ. އަޕްޑޭޓްގައި ހިމެނޭ އެހެން ބަދަލުތަކުގެ ތެރޭގައި، އައިފޯނުގެ "ޑޮކް"ގައި ހަތަރަކަށްވުރެ މަދު އައިކަން ބެހެއްޓި ނަމަވެސް، އެ އައިކަންތައް ވާތްފަރާތަށް ނުގޮސް މެދުގައި ހުންނާނެ ގޮތް ހެދުން ހިމެނެއެވެ. އަދި ފައިލްސް އާއި ފޮޓޯސް އެޕްގެ އައިކަންތަކަށް ވެސް ކުދިކުދި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެޕަލްއިން ބުނާ ގޮތުގައި، އައިއޯއެސް 26 ބީޓާ 3 މިވަގުތު ލިބެން ހުންނާނީ ރަޖިސްޓްރީކޮށްފައިވާ އެޕަލް ޑިވެލޮޕަރުންނާއި ބީޓާ ޓެސްޓަރުންނަށް، އައިފޯން 11 އަދި އޭގެ ފަހުގެ މޮޑެލްތަކަށެވެ. ނަމަވެސް، އެޕަލް އިންޓެލިޖެންސްގެ ފީޗާތައް ލިބޭނީ ހަމައެކަނި އައިފޯން 16 ސީރީޒް، އައިފޯން 15 ޕްރޯ، އަދި އައިފޯން 15 ޕްރޯ މެކްސްއަށެވެ. އައިއޯއެސް 26ގެ ފައިނަލް ވާޝަން އާންމުންނަށް ރިލީޒްކުރާނެކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހު، އައިފޯން 17 ސީރީޒްގެ ފޯނުތަކާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ