އަޅުގަނޑު ހައްޔަރުކުރުމުގެ ފުރިހަމަ ޒިންމާ ކުރީގެ ރައީސް ނަޝީދު ނަންގަވަން ޖެހޭނެ: އަބްދުﷲ ގާޒީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ފުރިހަމަ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގައި މިރޭ ހެކިބަސް ދެއްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ހައްޔަރުކުރިއިރު ސިފައިންގެ އެންމެ އިސްވެރިއަކަށް އަދި ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނެވީ ރައީސް ނަޝީދު ކަމަށާއި މައްސަލައިގައި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އޭރުގެ ރައީސް ނަޝީދު ކަމަށެވެ.
"ރައީސް ނަޝީދަށް އެނގިވަޑައި ނުގެން އެފަދަ ކަމެއް ނުކުރެވޭނެ. އެހެންކަމުން ހައްޔަރުކޮށްގެން ގެންދިއުމުގެ ފުރިހަމަ ޒިންމާ ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ." ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ހެކިބަސް ދެއްވަމުން ވިދާޅުވި އެވެ.
ޝަރީއަތް ހިންގަވާ ތިން ގާޒީންގެ ތެރެއިން އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އެދިވަޑައިގަތުމަށް އަބްދުﷲ ގާޒީ ވަނީ އޭނާ ބަންދުކުރުމުގެ ކަންތައް ހިނގި ގޮތް މިރޭގެ ޝަރީއަތުގައި ކިޔައިދެއްވާފަ އެވެ.
އަބުދުﷲ ގާޒީ ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރެއްވި ސަބަބެއް މިއަދާ ހަމަޔަށްވެސް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށާއި، ގިރިފުށީގައި ހުންނެވި އިރު އެމަނިކުފާނު ހުންނެވީ ގިނަ ހައްގުތަކުން މަހުރޫމް ކޮށްފަ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން ދައުލަތުގެ އިސް ބައެއް ފަރާތްތަކުންވެސް ގިރިފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަ ތަކުން އެމަނިކުފާނު ހައްޔަރު ކުރެއްވީ ރައީސް ނަޝީދުގެ އޯޑަރަށްކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން އޭރުގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި، ޔޫތު މިނިސްޓަރު ހަސަން ލަތީފް ގިރިފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަތަކުންވެސް އެމަނިކުފާނު ހައްޔަރު ކުރެއްވުމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ނަޝީދުކަން ހާމަވާ ކަމަށްވެސް އަބުދުﷲ ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދާ ދެކޮޅަށް ހެކިބަސް ދެއްވަމުން އަބުދުﷲ ގާޒީ މިރޭ ކޯޓުގައި ވިދާޅުވީ ބަންދުން ދޫކޮށްލުމަށް ހަތަރު ހުށަހެޅުމެއް އެމަނިކުފާނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހުށަހެޅުންތަކަކީ އެމަނިކުފާނު ހުންނެވި މަގާމުން އިސްތިއުފާ ދިނުމާއި، އެއަށްވުރެ ދަށް މަގާމަކަށް ބަދަލުވުމާއި، އުފަން ރަށަށް ބަދަލުވުމުން ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމުން ކަމަށް ވެސް އަބުދުﷲ ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މިރޭގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް ރައީސް ނަޝީދުވަނީ ރައީސް ނަޝީދު ތަކުރާރުކޮށް ގާނޫނީ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން ފަނޑިޔާރުން ވިދާޅުވީ އެ ފުރުސަތު އެމަނިކުފާނަށް އަދިވެސް އެބައޮތް ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުން ޝަރިއަތް ކުރިޔަށް ގެންދަވާ ގޮތުން އެމަނިކުފާނަށް މީގެ ކުރިން ވަކާލާތު ކޮށްދިން ފަރާތްތަކުން ވަނީ ވަކާލާތު ކުރުން ދޫކޮށްލައްވާފަ ކަމަށެވެ. އަދި ބަންދުގައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނަށް ވަކީލަކުން ވަގުތުން ވަގުތަށް ހަމަޖެއްސެވެން ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވަކީލުން ހަމަޖެއްސުމަށް ދިހަ ދުވަހުގެ މުހުލަތެއް ދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ. ނަމަވެސް އެކަމަށް ފަނޑިޔާރުން ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
"އިއްޒަތްތެރި ފަނޑިޔާރު މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ ވަކީލުންނަކީ ގަހުގައި އަޅާ އެއްޗެއް ނޫން ކަން" ރައީސް ނަޝީދު މިރޭގެ ޝަރީއަތުގައި ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުން ފަނޑިޔާރުން ނިންމަވާލެއްވީ މިމައްސަލާގައި ހެކިބަސް ނަގައި ނިމުނީކަމަށާއި އަދި ޚުލާސާ ބަޔާން ހުށައެޅުމުގެ ޝަރީއަތުގެ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާނެކަން އިއުލާންކޮށްފަ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ ސާބިތުކުރަން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ ދިރާސާކުރަން އެކަށީގެންވާ ވަގުތު ނުދޭތީ އެމަނިކުފާނަށް އިންސާފުވެރި ޝަރީއަތެއް ހޯދައި ނުދެވޭނެތީ ނަޝީދުގެ ވަކީލުންގެ ޓީމުން ވަނީ އެމައްސަލައިން ތަނާޒުލުވެފައެވެ. އަދި ރައީސް ނަޝީދުގެ ޝަރީއަތް މިރޭ ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ ގިނަ މެންބަރުންނާއި ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ކޯޓު ހުންނަ ސަރަހައްދަށް އެއްވެ، ނަޝީދު ދޫކޮށްލުމަށް އެދި އަޑު އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ